ދިވެހިރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމްކުރުމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިތިއޯޕިއަން އެއާލައިނުން ރާއްޖެއަށް އަދި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އިތިއޯޕިއާއަށް ސީދާ ދަތުރުތައް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އެވެ. އިތިއޯޕިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ޔޮއާނަސް އަބޭރާ ބެލޭޓޭ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އިތިއޯޕިއާއަކީ ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި އެފްރިކާ ބައްރުގެ ހަ ވަނަ ގައުމު ކަމަށެވެ. މީގެ ކުރިން ރާއްޖެއިން ވަނީ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ދެކުނު އެފްރިކާއާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އެއްބަސްވުމާއެކު ދެ ގައުމުގެ ދެމެދުގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މަގުފަހިވާނެ ކަމަށެވެ. “އިތިއޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާ އެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ގައުމު،” މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އިތިއޯޕިއަން އެއާލައިންސްއަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އަދި އެންމެ ފުޅާ ވިއުގައެއް އޮތް އެއާލައިންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުން ގާއިމުކުރެވުނީ އިތިއޯޕިއަން އެއާލައިންސްއިން އެ ގައުމުގެ އެޑިސް އަބާބާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ގާއިމްކުރަން ކުރާ މަސައްކަތަށް އިތުރު ކުރެވުނު މުހިންމު ބޮޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

