2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑޯ އެވޯޑު ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކަށް އިނގިރޭސި ކެޕްޓަން ހެރީ ކޭން ވެއްޖެއެވެ.
އުތުރު އެމެރިކާގައި ބޭއްވުނު ފޯރިގަދަ ވޯލްޑް ކަޕަށްފަހު، އޮޑްސްތަކަށް އައި ބަދަލުތަކާއެކު މިހާރު މި ރޭހުގެ އެންމެ ކުރީގައި އުޅެނީ ބަޔާން މިއުނިކަށް ކުޅެމުންދާ ކޭންއެވެ. އޭނާއަށް މި ފުރުސަތު ބޮޑުވެފައިވަނީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅެދިން 51 މެޗުގައި 61 ލަނޑު ޖަހައި، ޖަރުމަނުގެ ދެ މުބާރާތެއް ކާމިޔާބުކޮށްދީފައިވުމުންނެވެ.
ސްކައިގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރު މި ރޭހުގައި ހިމެނޭ މުހިންމު ކުޅުންތެރިންނަކީ:
ހެރީ ކޭން (13/8): ބަޔާން މިއުނިކާއެކު ދެއްކި މޮޅު ކުޅުމާއި ގިނަ އަދަދެއްގެ ލަނޑުތަކާއެކު އެންމެ ފޭވަރިޓްގެ ގޮތުގައި.
ލަމީން ޔަމާލް (9/4): ސްޕެއިނާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، ބާސެލޯނާއާއެކު ލަލީގާ ކާމިޔާބުކުރުމާ ގުޅިގެން ދެވަނައިގައި.
ލިއޮނަލް މެސީ (11/4): އާޖެންޓީނާ ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދީ، މުބާރާތުގައި 8 ލަނޑު ޖަހައިގެން ތިންވަނައިގައި.
ކީލިއަން އެމްބާޕޭ (7/2): ވޯލްޑް ކަޕްގައި 10 ލަނޑު ޖަހައި ރަން ބޫޓު ހޯދުމާއެކު ހަތަރުވަނައިގައި.
ރޮޑްރީ (9/2): ސްޕެއިނާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިގެން ފަސްވަނައިގައި.
މިފަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިނުން އާޖެންޓީނާގެ މައްޗަށް 1-0 އިން ކުރި ހޯދުމަކީ ލަމީން ޔަމާލްއާއި ރޮޑްރީއަށް މި އެވޯޑު ހޯދުމުގެ ފުރުސަތު ބޮޑުވެގެންދިޔަ ސަބަބެކެވެ. ނަމަވެސް، ކްލަބް ލެވެލްގައި ކޭން ދައްކަމުންދާ އާދަޔާޚިލާފު ކުޅުމުގެ ސަބަބުން އޭނާ އަދިވެސް އުޅެނީ ރޭހުގެ އެންމެ ކުރީގައެވެ.
ބެލޮންޑޯ އެވޯޑް ދިނުމުގެ ރަސްމީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރު 2026 ގައި ފްރާންސްގެ ޕެރިހުގައެވެ. މި އެވޯޑަށް ކުޅުންތެރިން ހޮވުމުގައި ބަލާނީ 1 އޯގަސްޓް 2025 އިން ފެށިގެން ޖުލައި 2026 އާ ހަމައަށް ކުޅުންތެރިން ދައްކާފައިވާ ކުޅުމަށެވެ.

