ޅ. ނައިފަރުގެ ބިން ހިއްކުމަށް ހިންގި ބޮޑު މަޝްރޫއުގެ ދަށުން، ކަނޑައެޅިފައިވާ މުއްދަތަށްވުރެ މާ އަވަހަށް އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ. ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ނައިފަރުގައި ވަނީ ޖުމްލަ 44.8 ހެކްޓަރުގެ ބިން އިތުރުކޮށްފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތް ނިންމުމަށް އެއް އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތެއް ދީފައި އޮތް ނަމަވެސް، ކުންފުނިން ވަނީ އެއަށްވުރެ މާ ކުރިން ބިން ހިއްކުމުގެ ބައި ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. އެ ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ބިން ހިއްކުމުގެ ބައި ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 24 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން 1,813 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޭރުތޮށި އަދި 474 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ގާތްގަނޑަކަށް 6,000 މީހުންގެ އާބާދީއެއް އޮންނަ ނައިފަރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން ރަށުގެ ތަރައްގީއަށް ބޭނުންވާ ބިން އިތުރުވެ، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މީގެ އިތުރުން، އެމްޓީސީސީން އަންނަނީ އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

