އިނގިރޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، ވީއެފްއެސް ގްލޯބަލްއިން މާލޭގައި ވަގުތީ ވިސާ ސެންޓަރެއް ހުޅުވުމަށް ނިންމައިފިއެވެ. މި ޚިދުމަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ މާގިރި ހޮޓަލުގައެވެ.
ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ސެންޓަރުން ޚިދުމަތް ދޭނީ މި އޮގަސްޓު މަހުގެ 10 އިން 12 ގެ ނިޔަލަށެވެ. މިއީ ހާއްސަކޮށް އިނގިރޭސިވިލާތަށް މަތީ ތައުލީމަށްދާ ދަރިވަރުންނާއި، އެކި ބޭނުންތަކަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ފަށާ މަސައްކަތެކެވެ.
މި ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކުން އިނގިރޭސިވިލާތުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅައި، އެޕޮއިންޓްމަންޓް ބުކްކުރަން ޖެހޭނެއެވެ. އެޕޮއިންޓްމަންޓް ކަށަވަރުކުރާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ތާރީޚުތަކުގައި މާގިރި ހޮޓަލަށް ގޮސް ބަޔޮމެޓްރިކްސް ދިނުމާއި ލިޔެކިޔުންތައް ހަވާލުކުރުމުގެ އިންތިޒާމު ވީއެފްއެސްއިން ވަނީ ހަމަޖައްސާފައެވެ.
އިނގިރޭސިވިލާތަށް ދާ ދިވެހިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކޮންމެ އަހަރަކުވެސް “ޓެމްޕަރަރީ ވިސާ ކްލިނިކް” އެއް ރާއްޖޭގައި ހިންގައެވެ. މި އިންތިޒާމުގެ ސަބަބުން ވިސާ ހޯދުމަށްޓަކައި ރާއްޖޭން ބޭރަށް ދާންޖެހޭ ދިއުން ނިމުމަކަށް އައިސް، ސީދާ މާލޭގައި ތިބެގެން ފަސޭހަކަމާއެކު ވިސާގެ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވައެވެ.

