ދައުލަތުން ސަބްސިޑީގެ ގޮތުގައި ކުރާ ހޭދަ 2026 ވަނަ އަހަރު 3.13 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2025 ވަނަ އަހަރު މި ދާއިރާއަށް ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ތެލާއި ކަރަންޓުގެ އަގު ހިފެހެއްޓުމަށް ކުރަންޖެހުނު ހަރަދު އިތުރުވުމެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސާފުކުރި ތެލުގެ އަގު ބޮޑުވުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހުނު ކަމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ތެލުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މުޅި ސަބްސިޑީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާއެވެ. މީގެ އިތުރުން ކަރަންޓުގެ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް ކުރި ހޭދަ ވެސް ވަނީ 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އަސާސީ އެހެން ހިދުމަތްތަކަށް ބަލާއިރު، ކުނި މެނޭޖްކުރުމުގެ ސަބްސިޑީ 90.6 މިލިއަނަށް އަދި ދަތުރުފަތުރުގެ ސަބްސިޑީ 201.6 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަ ވެސް ވަނީ 199.4 މިލިއަނުން 243.9 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ގިނަ ދާއިރާތަކަކުން ސަބްސިޑީގެ ހަރަދު އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ދާއިރާއަށް ދޭ ސަބްސިޑީ ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން 2025 ވަނަ އަހަރު މި ދާއިރާއަށް ހޭދަކުރި 207.4 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 83.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. ނަރުދަމާގެ ހިދުމަތަށް ދޭ 67.8 މިލިއަން ރުފިޔާގެ ސަބްސިޑީއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ދައުލަތުން ސަބްސިޑީ ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ހިދުމަތްތައް، އެ ތަކެތި އުފެއްދުމަށް ނުވަތަ ފޯރުކޮށްދިނުމަށް ހިނގާ ހަރަދަށްވުރެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށެވެ. މިގޮތުން ކޮންޓްރޯލް އަގާއި ހިނގާ ހަރަދުގެ ފަރަގު ދައުލަތުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރެއެވެ.

