ދިވެހިރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ތައާރަފުކުރުމަށްޓަކައި، އެ މަސައްކަތް ހަވާލުކުރާނެ ފަރާތަކާއެކު އަންނަ އޮގަސްޓު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މިހާރުގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވަނީ ސީޕްލޭން އޮޕަރޭޝަންތަކުގައި ހުރި ހުރަސްތަކުގެ ސަބަބުންނެވެ. ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ސީޕްލޭން ދަތުރުތައް ނުކުރެވޭތީ، މޫސުމަށް ބެލުމެއްނެތި ރެޔާއި ދުވާލު ފަތުރުވެރިންނަށް ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“ރެޔާއި ދުވާލު ވިއްސާރަޔާއި އަވީގައި ޓޫރިސްްޓް ޓްރާންސްފަރ އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގުތައް އެބަ ފަހިކުރަންޖެހޭ. އެގޮތުން އަޅުގަނޑުމެން ހެލިކޮޕްޓަރު އިންޓްރޮޑިއުސް ކުރަން މި މަސައްކަތް ކުރަނީ،” ވަޒީރު އަމީން ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ދެވަނަ އާރްއެފްޕީގެ މަސައްކަތްތައް ކަމަށާއި، ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މިހާރު ވަނީ ނިމިފައެވެ.
ހެލިކޮޕްޓަރުގެ ޚިދުމަތަކީ ހަމައެކަނި ފަތުރުވެރިން އުފުލުމަށް އަމާޒުކޮށްފައިވާ ޚިދުމަތެއް ނޫނެވެ. މީގެ ތެރޭގައި ބަލިމީހުން އުފުލުމާއި (މެޑިކަލް އިވެކުއޭޝަން) އަދި ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދުމުގެ (ސާރޗް އެންޑް ރެސްކިއު) ޚިދުމަތްތައް ހިމެނޭނެއެވެ. ފަތުރުވެރިން އުފުލުމުގެ މަސައްކަތް ކުރިއަށްދާނީ މި ޚިދުމަތުގެ ވިޔަފާރި އުސޫލުން ހިންގާ ބައެއްގެ ގޮތުގައެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ޚިދުމަތް ފަށާ ފުރަތަމަ ތިން އަހަރު ދުވަހު ކޮންމެ މަހަކު 50 ގަޑިއިރު، އެއްވެސް އަގަކާ ނުލާ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް އޮޕަރޭޓަރުން ދޭންޖެހޭނެއެވެ. ނަމަވެސް ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ޚިދުމަތް ދިނުމަށް ހޮވާ ފަރާތްތަކަށް އެންމެ ގިނަވެގެން ހުއްދަ ދޫކުރާނީ 10 އަހަރުގެ މުއްދަތަށެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ރާއްޖޭގައި ރަސްމީކޮށް ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމެވެ. މި ޚިދުމަތް ދިނުމުގައި ބައިނަލްއަޤްވާމީ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.

