ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރުއްތަކަށް ހުދުކޫޑީގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ޚާއްސަ ޕެސްޓިސައިޑެއް ބޭނުންކޮށްގެން ބަލި ކޮންޓްރޯލް ކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ބައެކެވެ.
މި ޕްރޮގްރާމްގެ ދަށުން ބޭނުންކުރަނީ ‘ޔޭޖިއާޗިންގ، ނަމަކަށް ކިޔާ ޕެސްޓިސައިޑެކެވެ. މި ބޭސް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލް ކުރެވޭނެކަން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރި ތަޖުރިބާތަކުން ވަނީ ކަށަވަރުކުރެވިފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ތަޖުރިބާތަކުން ފެނުނު ކާމިޔާބު ނަތީޖާއާއެކު މިހާރު ވަނީ ރަށްރަށުގެ ކައުންސިލްތަކަށް ބޭސް ފޯރުކޮށްދޭން ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ބޭސް ހަވާލުކޮށް، އަމަލީ ގޮތުން ރުއްތަކަށް ބޭސްލުމުގެ މަސައްކަތް ފަށާފައިވަނީ ހއ. ބާރަށުގައެވެ. އެ ވުޒާރާއިން ވިދާޅުވީ، ރަށްރަށުގައި ހުރި ރުއްތަކުގެ އަދަދަށް ބަލައި ކައުންސިލްތަކަށް ބޭސް ޕެކެޓްތައް ދޫކުރަމުންދާ ކަމަށެވެ. މިގޮތުން ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކުން ބޭހާ ހަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންނެވެ. އެހެން އަތޮޅުތަކަށް ބޭސް ދޫކުރުން ކުރިއަށްދާނީ މާލެއިންނެވެ.
މީގެ އިތުރުން، ހުދުކޫޑީގެ މައްސަލަ ބޮޑުވެގެން ރިޕޯޓްކޮށްފައިވާ ލ. ކަލައިދޫ، ގދ. ފިޔޯރީ އަދި އައްޑޫ ސިޓީ މީދޫއަށް ބޭސް ފޯރުކޮށްދިނުމުގެ އިދާރީ މަސައްކަތްތައް ވެސް މިހާރު ވަނީ ނިމިފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ އިތުރު ރަށްރަށަށް ވެސް މި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޓީތައް ފޮނުވަމުންނެވެ.
ރުއްގަހަށް ޖެހޭ ބަލިތައް ދެނެގަނެ، އެކަމަށް ފަރުވާ ހޯދުމަށްޓަކައި ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (CATAS) އާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން އެ އެކެޑަމީގެ ތަޖުރިބާކާރުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު، ދަނޑުވެރިކަމުގެ ދާއިރާއިން ދިރާސާކުރުމަށްޓަކައި ގައުމީ ފެންވަރުގެ ލެބޯޓަރީއެއް ވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ.
މި އައު ލެބޯޓަރީގެ ސަބަބުން ރާއްޖޭގެ ބަޔޯސެކިއުރިޓީ ވަރުގަދަވެ، ގަސްތަކަށް ޖެހޭ ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ސައިންޓިފިކް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ

