ޤައުމުގެ ތަރައްޤީއަށްޓަކައި އައު ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، އެ ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރަން އެނގުމަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ “މޯލްޑިވްސް 2.0” މަގުޗާޓުގެ ދަށުން ކުރިއަށްގެންދާ “ޑިޖިޓަލް ފޯރ އޯލް” ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި ކެމްޕޭނަކީ 70ގެ އަހަރުތަކުގައި ރާއްޖޭގައި ފެށި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފަދަ މުހިންމު މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލް ނިޒާމުތަކާއި އުމްރާނީ އިންވެސްޓްމެންޓްތަކުގެ ބޭނުން ހިފޭނެ ފަދަ، ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތުންތަކެއް ބިނާކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވަމުން އިޙްސާން ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ވިޔަފާރިތަކާއި ދައުލަތުގެ ހިންގުންވެސް ބަދަލުވަމުންދާ ކަމަށެވެ. އެހެންކަމުން، އެއްވެސް ފަރާތެއް ބާކީ ނުކޮށް، ހުރިހާ ރައްޔިތުންނަށް މި ހުނަރުތައް އުނގަންނައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހަމައެކަނި ވަސީލަތްތައް ޤާއިމުކުރުމަކުން ޤައުމަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. “އަޅުގަނޑުމެންނަށް ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދީ، ޑިޖިޓަލް ޕޭމަންޓް ހެދުމުގެ ނިޒާމުތައް ޤާއިމުކޮށްދެވިދާނެ. ނަމަވެސް، އެ ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ އިތުބާރާއި ހުނަރު ރައްޔިތުންގެ ކިބައިގައި ނެތްނަމަ، އަޅުގަނޑުމެން ވާނީ ނާކާމިޔާބު،” ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 ގެ ތަޞައްވުރަކީ ދިރިއުޅޭ ރަށެއްގެ ސަބަބުން ފުރުޞަތުތައް ހަނިނުވާނެ ފަދަ “ޑިޖިޓަލް ފަސްޓް” ޤައުމެއް ބިނާކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ރައްޔިތުންނަށް ފުރިހަމަ އިތުބާރާއެކު އައު ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވާނެ މި ޤައުމީ ހަރަކާތުގައި، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކައުންސިލްތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެ ވަޒީރު ވަނީ އެ ފަރާތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

