ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިންނާއި ބްލޫ އިކޮނޮމީގެ ދާއިރާއިން ދިވެހިރާއްޖެއާއި ޑޮމިނިކަން ރިޕަބްލިކާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަރނާންޑޭޒް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އާ ސަފީރުގެ ފަތްކޮޅު ގަބޫލުފުޅުކުރައްވައި، އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެފައެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވަނީ ތިމާވެށީގެ މައްސަލަތަކަށެވެ. ރާއްޖެއާއި ޑޮމިނިކަން ރިޕަބްލިކަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ މެންބަރުން ކަމަށްވާތީ، ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި، ކަނޑުގެ ވަސީލަތްތަކުން އިގްތިސާދީ މަންފާ ހޯދުމުގެ ނުވަތަ ބްލޫ އިކޮނޮމީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކޮށް، ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒާއި ސަފީރު ހަރނާންޑޭޒް ވަނީ ދެއްވާފައެވެ. ދިވެހިރާއްޖެއާއި ޑޮމިނިކަން ރިޕަބްލިކާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 17 މާރިޗު 2010 ގައެވެ.

