ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ޤައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސަފީރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައެވެ. އެގޮތުން ހަތްކޮޅުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގެ ހެވިކަމުގެ ލަޝްކަރާއެކު ސަފީރުން ވަނީ ރައީސް އޮފީހަށް ހިންގަވާފައި ވަޑައިގެންފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުންނަށް މަރުޙަބާ ދަންނަވައި، މަޤާމުގެ ތަހުނިޔާ ފޮނުއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވި ބޭފުޅުންގެ ތެރޭގައި ނަމީބިއާގެ ހައިކޮމިޝަނަރު އެލެކްސް އެލް. ތުކުހުޕްވެލޭއާ އާއި، ފިޖީގެ ހައިކޮމިޝަނަރު ޖަގަންނާތު ސާމީ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ޑޮމިނިކަން ރިޕަބްލިކްގެ ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހެނާންޑޭޒް، ކިއުބާގެ ޕެޓްރިޝިއާ ލާޒާރާ ޕެގޯ ގުއޭރާ، ކޮސޯވޯގެ ލުލްޒިމް ޕްލާނާ، ސޯމާލިއާގެ ޑރ. އަބްދުﷲ މުހައްމަދު އޮޑޯވާ، ސްލޮވީނިއާގެ ތޯމަޒް މެންސިން އަދި ގަތަރުގެ ހަމަދު މުހައްމަދު އަބްދުﷲ އައްސަނަދު އައްދޯސަރީ ވަނީ ފަތްކޮޅު އަރުވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކިން އެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއާއި އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެފަރާތަށް ފައިދާހުރި މުހިއްމު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

