ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޞިއްޙީ ދާއިރާއާއި ކުޅިވަރުގެ ރަންގަބީލުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު ވަނީ ކިއުބާގެ އައު ސަފީރަށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާތައް ކުރިއެރުވުމުގައި ކިއުބާގެ އެހީތެރިކަން ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
ދެ ޤައުމުގެ މެދުގައި ބޭއްވި މި މަޝްވަރާތަކުގައި ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. މީގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ވޮލީބޯޅަ ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް އދ. ގައި ރާއްޖެއިން ކިއުބާއަށް ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައި، ސަފީރު ޕެޓްރީޝިއާ ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެ ފަރާތުންވެސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 29 ޖަނަވަރީ 1977 ގައެވެ. މި ބައްދަލުވުމާއެކު، ގާތްގަނޑަކަށް 47 އަހަރުވީ މި ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ދެ ޤައުމުން ވަނީ އުންމީދު އާކޮށްފައެވެ.

