ދިވެހިރާއްޖޭގެ ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް، އެ ލިސްޓާ އެއްގޮތަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. މި ނިންމުމަކީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މިހާރު ވަނީ އަދާހަމަކޮށްފައި ކަމަށެވެ. މި ލިސްޓު ދެ ގްރޭޑަކަށް ގިންތިކޮށްފައިވާއިރު، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް އަބަދުވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެއެވެ.
މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އަދި އަލަށް ހުޅުވާ ފާމަސީތައް ރަޖިސްޓްރީ ކުރުމަށްފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސްތައް ހަމަކުރުމުންނެވެ.
ފާމަސީތައް ގިންތި ކޮށްފައިވާ ގޮތުގެ ތަފްސީލު ހިމަނާފައިވަނީ “ގައިޑްލައިން އޮން މިނިމަމް ރިކުއަރމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާރމަސީ” ގައެވެ. މި ގައިޑްލައިން އެމްއެފްޑީއޭގެ ވެބްސައިޓުންނާއި، ޞިއްޙީ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ފެންނަން ހުންނާނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ އޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށްވެސް އެމްއެފްޑީއޭގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

