ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް، ސައުދީ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކޮށްފިއެވެ. މިކަން ހާމަކޮށް ދިވެހި ސަރުކާރުން މިއަދު ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ.
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތް ކުރާ ކަމަށް ބުނެ ހޫޘީން ކުރާ ތުހުމަތުތައް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ސައުދީގެ އެ ނިންމުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ޔަމަނުގައި ސުލްހަ ގާއިމުކުރުމަށާއި އެ ގައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ޔަމަނުގެ ގާނޫނީ ސަރުކާރާއި އދ. އާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީ ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރާ މުހިންމު ދައުރުވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ސަރުކާރުގެ ބަޔާން ނިންމާލަމުން، ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން އާކޮށް، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

