މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް، ކަނޑައެޅިފައިވާ ތާރީޚަށްވުރެ އަވަހަށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ސެގްމަންޓްގެ ދުވާރު ހެދުމާއި ޕާކިންގ ޒޯންތަކުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. މީގެއިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ވެސް ކާމިޔާބުކަމާއެކު ނިމިފައިވާއިރު، ފިނިޝިންގެ ބާކީ ހުރި މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޕާކިންގ ޒޯންތަކުގެ ނިޝާންތައް ކުރެހުމާއި މަގުބައްތި ހަރުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަސައްކަތްތައް މި ހަފުތާ ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެއެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، ޖުލައި 26 ގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ޔަގީންކަންދެއެވެ.
މި ސަރަހައްދު ތަރައްޤީކުރަނީ މަގުގެ ޖާގަ ތަނަވަސްވާނެހެން މަގު ފުޅާކުރެވޭ ފަރުމާއަކަށެވެ. މި ބައި ނިމުމުން އެ ސަރަހައްދުގައި ހުރި އޮފީސްތަކާއި ބޭންކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕާކުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ކުރިން މި މަޝްރޫޢުގެ ދަށުން އެމްއެމްއޭ ސަރަހައްދާއި މާރުކޭޓު ސަރަހައްދުގެ މަސައްކަތް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 22 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ތަރައްޤީކުރާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

