ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ނިޔާވެފައިވާ ފުލުހުންގެ ޒިކުރާ އައުކޮށް، އެ ފަރާތްތަކުގެ މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ “ޕޮލިސް މެމޯރިއަލް ޑޭ” ރަސްމީކޮށް ފަށައި، ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން، ރޭ ދަންވަރު 00:00 ގައި އިސްކަންދަރު ބިލްޑިންގުގައި ހުރި ދިވެހި ފުލުހުންގެ ހިދުމަތުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހެވެ. މި މުނާސަބަތުގައި އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުޙައްމަދު އާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން، އިސްކަންދަރު ކޮށީގެ ބޭރުގައި ގާއިމްކޮށްފައިވާ މެމޯރިއަލް ވޯލްގައި ގާޑް މައުންޓްކުރުމަށްފަހު، ވާޖިބު އަދާކުރުމުގެ ތެރޭގައި ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސް، ހާއްސަ ދުޢާއެއް ކޮށްފައިވެއެވެ. ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި 5 ފުލުހެއްގެ ނަން ވަނީ ލިޔެވިފައެވެ. އެއީ ޝަހީދު ސާޖަންޓް ޢަލީ ނާޒިމް، ޝަހީދު ސާޖަންޓް އާދަމް ޙަލީމް، ޝަހީދު ސާޖަންޓް މިސްބާހު އަބްދުﷲ، ޝަހީދު ސާޖަންޓް އަހުމަދު ވިފާޤް، އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޒަމީރެވެ.
މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މި ދުވަހު އާކުރެވުނެވެ. އޭގެ ތެރޭގައި އެންމެ ފަހުން ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޢާސިފް ވެސް ހިމެނެއެވެ. އަހުމަދު އާސިފް ނިޔާވީ 2024 ޖޫން 11 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއްގައި “ޕޮލިސް ލޯންޗު 57” ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިއީ އަހްމަދު ޢާސިފްގެ ހަނދާން މި ދުވަހުގެ ތެރެއިން އާކުރެވުނު ފުރަތަމަ ފަހަރެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަން ފަށާފައިވަނީ 16 ޖޫން 2013 ގައި ނެރުނު ހާއްސަ އޯޑަރެއްގެ ދަށުންނެވެ. މި ދުވަސް ނިސްބަތްވަނީ 23 ޖުލައި 2012 ގައި ކ. ކާށިދޫގައި ޑިއުޓީގައި ހުންނަވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ހަނދާނަށެވެ. މިއީ ދިވެހި ފުލުހުންގެ ތާރީޚުގައި ދެކޮޅުވެރި ހަމަލާއެއްގައި ފުލުހަކު ޝަހީދުވި ފުރަތަމަ ހާދިސާއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައިވެސް މިއަދު ވަނީ ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ. މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމަކީ ގައުމީ ހިދުމަތުގައި ދެމިތިއްބާ ވަކިވެދިޔަ ފުލުހުން ވެފައިވާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުން ކަމަށް ފުލުހުންގެ ހިދުމަތުން ބުނެއެވެ.

