ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޙްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމެވުމުގެ ދަށުން އައްޑުއަތޮޅާއި އައްޑޫ ސިޓީގެ އިޙްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޙްތިޞާޞަށް ވަނީ ބަދަލު ގެންނަވާފައެވެ.
މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިގޮތުން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޙްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ޤަރާރު، މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤަރާރާއެކު އިޙްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ވެސް ވަނީ އާންމުކޮށްފައެވެ.
މި ނިންމެވުމަކީ ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް، ވަކި މުއްދަތަކަށް ގިނަ ލުއިތަކާއެކު އިންވެސްޓްމަންޓްތަކަށް ހުޅުވާލައްވާނެކަން އިޢުލާނުކުރައްވާފައެވެ. މީގެ ތެރޭގައި ބިމު ކުއްޔާއި އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކުން އިސްތިސްނާވުން ހިމެނެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، “އެންމެ ފުރަތަމަ ހުޅުވައިލާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން، އައްޑުއަތޮޅަކީ 1 ޖަނަވަރީ 2027ން ފެށިގެން ތިން އަހަރު ދުވަހަށް ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފައިވާކަން އިޢުލާނުކުރަން.” މިފަދައިންނެވެ.
ސަރުކާރުން މިހާރު އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ، އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރަމުންނެވެ. މި ބަދަލުގެ ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

