މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އަރައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނަ ގައުމުގެ ގޮތުގައި ޗައިނާ ދަމަހައްޓައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،191،785 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއިން މިހާތަނަށް 200،047 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 170،007 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 93،715 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް ވުރެ މަތިވެފައިވީ ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.7 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1،250،357 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ހިނގާ ޖުލައި މަހުގެ މިހާތަނަށް 121،903 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު އެ އަދަދު ހުރީ 125,891 ގައެވެ.
ރާއްޖެއަށް ފަތުރުވެރިން އެތެރެވި ގޮތަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެގޮތުން 1،162،070 ފަތުރުވެރިން ވީއައިއޭ އިން އައިސްފައިވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 4،411 ފަތުރުވެރިން އަދި ކަނޑު މަގުން (ސީޕޯޓު) 15،577 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ.
ފަތުރުވެރިން ރާއްޖޭގައި މަޑުކުރި ތަންތަނުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އިޚްތިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 848،840 ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، 265،394 ފަތުރުވެރިން ގެސްޓްހައުސްތަކުގައި އަދި 27،904 ފަތުރުވެރިން ހޮޓެލްތަކުގައި ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

