ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ އިގުތިސާދުގައި ފަހި ފުރުސަތުތަކެއް އެބަހުރިކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީން އިސްނަގައިގެން އެގައުމުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ބިޒްނަސް ވެބިނާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ފާހަގަކުރެއްވީ، ރާއްޖެއަކީ ހާހަކަށްވުރެ ގިނަ ރަށްތަކަށް ބެހިފައިވާ އާބާދީއެއް އޮތް ގައުމަކަށް ވުމުން، އަބަދުވެސް އައު އުފެއްދުންތަކާއި އީޖާދުތަކަށް ބޭނުންވެފައިވާ ގައުމެއް ކަމަށެވެ. އެހެންކަމުން ޖަޕާނުގެ އުފެއްދުންތެރި އަދި އީޖާދީ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ފުޅާ ފުރުސަތުތަކެއް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ޖަޕާނަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް އިންވެސްޓުކުރުމުގެ ފުރުސަތުތައް ހުރިކަން ވަޒީރު ހާމަކުރެއްވިއެވެ. ޚާއްސަކޮށް އިގުތިސާދު ސިންދަފާތުކުރުމަށާއި، ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޖަޕާނުގެ ކުންފުނިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސަރުކާރުން ވިޔަފާރިއާއި އިންވެސްޓުމެންޓު ދާއިރާގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކަށް އަލިއަޅުއްވައިލައްވަމުން ވަޒީރު ވިދާޅުވީ، “އައު އިންވެސްޓުމެންޓު ގާނޫނުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި މާހައުލަކީ އިންވެސްޓަރުންނަށް ރައްކާތެރި، އިތުބާރުހުރި މަސައްކަތްކުރުމަށް ފަސޭހަ މާހައުލަކަށް ވެފައިވާ” ކަމަށެވެ. މީގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރި ފެށުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސައީދު ވަނީ ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރުމަށް ދައުވަތު ދެއްވާފައެވެ. އަދި ރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ މި ވެބިނާގައި ދެއްވާފައެވެ.

