ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވުމަށް ހަމަޖެހިފައިވާ “ރައްޔިތުންގެ އަޑު” ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އިތުރު 4 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން ނަން ނޯޓުކުރެއްވުމަށް އެ އޮފީހުން ވަނީ އެދިފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ޕީއެސްއެމްއާއި ގުޅިގެން ގެނެސްދޭ “ނޭޝަންޗެޓް” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މީގެ ކުރިންވެސް 4 ދާއިރާއަކަށް މި ފުރުސަތު ހުޅުވާލާފައިވެއެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ މަޤުޞަދަކީ ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމަށްޓަކައި ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ. އެމަނިކުފާނަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

