ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓު ފްލީޓު އިތުރަށް ފުޅާކޮށް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި “ޑީއެޗްސީ-6 ޓްވިން އޮޓާ ކްލަސިކް 300-ޖީ” މަރުކާގެ މަތިންދާބޯޓުތަކެއް ގަތުމަށް ކެނެޑާގެ ޑި ހެވެލަންޑް އެއާކްރާފްޓު ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާޒު ވިދާޅުވީ ޓްވިން އޮޓާ ކްލެސިކް 300-ޖީ މަރުކާގެ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓުކުރާ ފުރަތަމަ އެއާލައިނަށް މޯލްޑިވިއަން ވެގެންދިއުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޗުއްޓީގެ ތަޖުރިބާ ފެށެނީ ސީޕްލޭން ދަތުރުތަކާ ހަމައިންކަން ފާހަގަކުރައްވައި އިޔާޒު ވިދާޅުވީ، މި އައު މަތިންދާބޯޓުތަކާއެކު ފަސިންޖަރުންނަށް ލިބޭ ތަޖުރިބާއަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިއީ މުޅިން އައު ޖީލެއްގެ ބޯޓުތަކެއް ކަމަށާއި، މި ބޯޓުތަކުގައި ބޭނުންކުރަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީކަން އޭނާ ފާހަގަކުރެއްވިއެވެ.
“ސީޕްލޭން ދަތުރުތަކަކީ ރާއްޖޭގެ ޗުއްޓީ ފެށޭ ހިސާބު، އަދި އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ކޮންމެ ދުވަހަކުވެސް ބިނާވެފައިވަނީ މި ބޯޓުތަކުގެ މައްޗަށް. މި އާ ޖީލުގެ ބޯޓުތަކުގެ ސަބަބުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދެވޭނެ،” އެމްޑީ ވިދާޅުވިއެވެ.
މި ބޯޓުތަކަކީ ކުރު ރަންވޭތަކުން ދަތުރު ފެށުމާއި އެފަދަ ރަންވޭތަކަށް ތިރިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޒަމާނީ އެވިއޮނިކްސް ނިޒާމުތައް ހިމެނޭ އުޅަނދުތަކެކެވެ. އަދި މިއީ ފަސިންޖަރުންނަށް އަރާމުވާނެ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެއް ކަމަށާއި، މިއީ ރިސޯޓުތަކަށާއި ރަށްރަށަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މުހިއްމު އިންވެސްޓުމެންޓެއް ކަމަށްވެސް އިޔާޒު ސިފަކުރެއްވިއެވެ.
މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 މަތިންދާބޯޓު އޮތްއިރު، އޭގެ ތެރޭގައި ޑޭޝް-8، އޭޓީއާރް، އެއާބަސް A330-200 އަދި A320 މަރުކާގެ ބޯޓުތަކުގެ އިތުރުން ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރާ 11 ޓްވިން އޮޓާ މަތިންދާބޯޓު ހިމެނެއެވެ.

