ކ. ތުލުސްދޫގައި “އިސްރަށްވެހިންގެ ހިޔާވަހި” ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން ތުލުސްދޫގައި 100 މީހުންގެ ޖާގައިގެ އިމާރާތެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމުތައް ހިންގާނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ “އޭޖްޑް ކެއަރ ސެންޓަރު” ތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ތުލުސްދޫގެ އިތުރުން ށ. ފުނަދޫގައި ޤާއިމުކުރާ ސެންޓަރުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގައި ޤާއިމުކުރާ ސެންޓަރުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯ މޮބައިލްސްއާ ވަނީ ހަވާލުކޮށްފައެވެ.
އިސްރަށްވެހިންގެ ހިޔާވަހިތަކުގެ މައިގަނޑު މަޤުސަދަކީ އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމާއި، ޞިއްޙީ ފަރުވާއާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މި މަރުކަޒުތަކުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމުތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.
ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

