އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ފާސްކުރި މުހިންމު ބިލެކެވެ.
މި ބިލު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމަށް ފޮނުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އޭގެ ފަހުން، މި މަހުގެ އެއްވަނަ ދުވަހު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށްފަހު މަޖިލީހުން ވަނީ މި ބިލު އަލުން ފާސްކޮށްފައެވެ.
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމާއި، ހިދުމަތް ދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމެވެ. ބިލުގައި ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ހައްގުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
މި ގާނޫނުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމަށް “އޯގަން ޓްރާންސްޕްލާންޓް ކައުންސިލް” އެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާނެއެވެ. އަދި މި ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރާނީ “އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ” އިންނެވެ.
ގާނޫނާ ހިލާފަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކަންކަމަށް ދެވޭނެ އަދަބުތައް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން ޓްރާންސްޕްލާންޓް ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާތުތަކާއި މިންގަނޑުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ތާރީހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

