ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، މި މަސައްކަތުގައި ވަކި ކުލައަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ބޭނުންވާ ކަމަށް ފަންނާ، ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢާއި އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ މިއަދު ޤައުމަށް ނުހަނު ބޭނުންތެރި ދެ ކަންތައް ކަމަށެވެ. އަދި ދިވެހިވަންތަކަމާއި މިނިވަންކަމުގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޒިންމާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޤައުމިއްޔަތުގެ މުހިންމު ބަހާތަކާއި އަސާސްތައް މިއަދުގެ ކުޑަކުދިންނާއި ޒުވާނުންނަށް ކިޔައިދީ، އެ މަޢުލޫމާތު މުޅި މުޖުތަމަޢަށް ފޯރުކޮށްދިނުމަށް ގިނަ ޕްރޮގްރާމްތަކެއް ވަނީ ރޭވިފައެވެ. “ސިގްނޭޗަރ ރިސާޗް ޕްރޮގްރާމާއި، ރަށްރަށުގެ އިހުގެ މީހުންގެ ހަނދާނުގައި ހުރި ވާހަކަތައް ހޯދައި ކިތާބުކުރުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރިއަށް،” ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މިނިވަން މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާ އެކު މަޝްވަރާ ބައްދަލުވުންތަކާއި ވޯކްޝޮޕްތައް ބާއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މުޖުތަމަޢުގެ ތެރޭގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، މައިންބަފައިންނާއި ދުވަސްވީ މީހުންނަށް އަޅާލުމާއި، މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުން ފަދަ ކާބަފައިންގެ ޒަމާނުން ފެށިގެން އައި ރީތި ސިފަތައް އަލުން އާލާކުރަން ޖެހޭ ކަމަށް ހުރިހާ ފަރާތްތަކުން އެއްބަސްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހީނާ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅަކީ ވީހާވެސް ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން މި މަޝްރޫޢު ކުރިއަށް ގެންދިއުން ކަމަށެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ މަސައްކަތަކީ އެކި ފަރާތްތަކުގެ އަޑުއަހައި، ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތުގެ ލިޔެކިޔުންތައް ތައްޔާރުކުރުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

