މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއަޅައިގެން ތަރައްގީކުރި ސަރަހައްދު ޒީނަތްތެރިކޮށް ފެހިކުރުމުގެ ގޮތުން ހިންގި ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް 3،100 އަށްވުރެ ގިނަ ގަސް އިންދައިފި ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަސައްކަތަކީ ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމްގެ ބައެކެވެ.
މިއަދު ހަވީރު ބޭއްވި ހާއްސަ އިވެންޓެއްގައި އެމްޓީސީސީ، ބީއެމްއެލް، އެޗްޑީސީ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ވަނީ ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ގަސް އިންދާފައެވެ. މި ހަރަކާތުގައި ވަޒީރުންނާއި، ރައީސް އޮފީހުގެ އިސް ބޭފުޅުންގެ އިތުރުން ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި މަޝްރޫއުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިވެހި ރުއް އިންދުމަށެވެ. މީގެ ކުރިން ބޮޑުތަކުރުފާނު މަގުގެ ނޯތު ހާބަރުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ގަސް އިންދާފައިވާއިރު، މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް މުޅި ސަރަހައްދުގައި ގަސް އިންދައި ނިންމާފައެވެ. މީގެ ތެރޭގައި ދިވެހި ރުކުގެ އިތުރުން މަގޫ ގަހާއި ހިޔާދޭ އެހެނިހެން ގަސްތައް ހިމެނެއެވެ.
އެމްޓީސީސީން ވިދާޅުވި ގޮތުގައި މިއީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭ ސަރަހައްދާ ހަމައަށް ނިމިފައިވާ ބައި ފެހިކޮށް، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި ހަރަކާތަކީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅިފައިވާ ކަމެކެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ހަތަރު ލޭނަށް ދުއްވޭ ގޮތަށް ތަރައްގީކުރުމުގެ މަޝްރޫއު މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ފަޅުން ބައެއް ހިއްކައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ދަށުން 500 ސައިކަލް ޕާކުކުރެވޭނެ ޖާގައެއް ވެސް ވަނީ އުފައްދާފައެވެ. ސަރުކާރުގެ އަމާޒަކީ މި މަހުގެ 26 ވަނަ ދުވަހު މި މަގު ރަސްމީކޮށް ހުޅުވުމެވެ.
މި މަގު ހުޅުވިގެންދާއިރު، މާލޭގެ އިރުމަތީ ފަރާތުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އަލަށް އިންދި ގަސްތަކާއެކު، މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ވެސް ހިތްފަސޭހަ ސަރަހައްދަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

