ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ޤާއިމުކުރާ ޚާއްސަ ޕޯޓަލް އަންނަ ސެޕްޓެމްބަރު މަހު އިފްތިތާޙު ކުރާނެކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ވިދާޅުވެއްޖެއެވެ.
ސްޓޭޓްފާމާއިން ބުނި ގޮތުގައި މި ޕޯޓަލް މެދުވެރިކޮށް އެ ކުންފުނީގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ ތަފްސީލާއި، އެ ބޭސްތައް މިވަގުތު ލިބެން ހުރީ ކޮން ފާމަސީތަކަކުންކަން ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭނެ އެވެ. އަދި މިއީ ބޭސް ހޯދުމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ޕޯޓަލް ފަރުމާކުރެވިފައިވަނީ ކޮންމެ ތަނެއްގައި ހުރެގެންވެސް، ފޯނު ނުވަތަ ކޮމްޕިއުޓަރު މެދުވެރިކޮށް ބޭނުންވާ ބޭހުގެ މައުލޫމާތު ހޯދޭނެ ގޮތަށެވެ. އެގޮތުން ބޭސް ލިބެން ހުރި ފާމަސީތަކުގެ އިތުރުން، އެ ބޭހެއް ވިއްކާ އަގުވެސް މި ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.
މި ސިސްޓަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވި އަދި ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް، ކޮލެޓީ ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރެވޭނެ ކަމަށާއި ހުސްނުވެ ކޮންމެ ރައްޔިތަކަށްވެސް ބޭސް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ. ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭސް ދެނެގަނެވިއްޖެނަމަ ދިގުމުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

