ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އައު ބަދަލުތަކެއް ގެނެސް އިފްތިތާޙުކޮށްފިއެވެ.
އެ އިދާރާގެ ޚިދުމަތްތަކަށް ގެނައި ބަދަލުތައް ރަސްމީކޮށް އިފްތިތާޚުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
އަލަށް ތަޢާރަފު ކުރި ޚިދުމަތްތަކުގެ ތެރޭގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން، އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި، އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާޙައުލެއް ޤާއިމުކޮށް، ޢާންމު މަޢުލޫމާތާއި އިރުޝާދު ދިނުމަށް ޚާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ވެސް ވަނީ ހުޅުވާފައެވެ.
މި ބަދަލުތަކަކީ އިމިގްރޭޝަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފުތައް ވީހާވެސް ކުޑާކޮށް، ފަސޭހަ އަދި އަވަސް އިންތިޒާމެއްގެ ދަށުން އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ގެނެވުނު މުހިންމު އިސްތިލާހުތަކެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން، އެ އިދާރާގެ ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތައް، މަޑުކޮށްލައިގެން ތިބުމަށް ހިތްގައިމު މާހައުލެއް ގާއިމުކޮށްފައިވާ ކަމަށާއި، އާންމު މައުލޫމާތާއި އިރުޝާދު ދިނުމަށް ހާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ވެސް ހުޅުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚު ރަމްޒުކޮށްދޭ ‘އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ’އަކީ، ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި، މުއައްސަސާއަށް އައިސްފައިވާ ކުރިއެރުންތަކާއި، މުއްސަނދި ތާރީޚު ރައްކާތެރިކޮށް ދައްކުވައިދިނުމަށް ޤާއިމުކުރި ތަނެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ ހެޑް އޮފީހުގެ ތެރޭގައި ދާއިމީ މައުރަޒެއްގެ ގޮތުގައި ތަރައްޤީ ކޮށްފައިވާ މިތަނުން ފެނިގެންދާނީ، 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ މިއަދާ ހަމައަށް މުއައްސަސާ ބައްޓަން ކުރުމުގައި ހިއްސާވި ފަރާތްތަކާއި، ހޯދާފައިވާ ކުރިއެރުންތަކުގެ ފުރިހަމަ ތަސްވީރެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރު އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީހު، މި ހިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަނީ، ދިވެހި ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ޚިދުމަތްތައް މެދުނުކެނޑި ތަރައްޤީކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
މި ގެނެވުނު ބަދަލުތަކަކީ ޒަމާނީ އީޖާދުތަކުގެ އެހީގައި، އިތުބާރުހުރި އަދި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ސިފަކުރައްވައެވެ.

