ޅ. އޮޅުވެލިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޮޅުވެލިފުށި ބަނދަރު މަސައްކަތްުގެ އަދާހަމަ ހިއްސާކުރައްވާފައެވެ. އަދާހައިމައިގައި ވިދާޅުވެފައިވަނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފަޅު ފުން ކުރުމާއި ބޮލޮކްސް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 7534 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުމާއި، 49،857 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުމާއި، 14،160 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން، 246 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 11 މީޓަރުގެ ދިގު 11 މީޓަރުގެ ފުޅާ ރޭމްޕެއް ހެދުމާއި، 27 މީޓަރުގެ ދިގު ފަސް މީޓަރުގެ ފުޅާ އާރްސީ ބްރިޖެއް ހެދުމާއި، 132 މީޓަރުގެ ދިގު ދެ މީޓަރުގެ ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި، 1149 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ފެރީ ބަނދަރު ކުރަން އެކްސަސް ޕްލެޓްފޯމެއް ހެދުމަށް ވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
ހަމައެހެންމެ، 164 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތެރެއަށް ވެލިތޮށްޓެއް ޖެހުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި އެތެރެވަރިއަށް ވެލިތޮށްޓެއް ޖެހުމަށް ވެސް ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރީއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އޮޅުވެލިފުށީގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި މިއީ ދައުލަތުގެ ބަޖެޓުން 66.40 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ.

