ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިތުރު ކުރިއެރުންތަކާއި އެކު މޯލްޑިވްސް އިމިގްރޭޝަންގެ މޮބައިލް އެޕްލިކޭޝަން އަންނަ ހަފްތާގައި ލޯންޗްކުރަން ނިންމާފައިވާ ކަމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ރިޓަޔަރޑް ޕޮލިސް ކޮމިޝަނަރ އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ ތާރީހު ދައްކުވައިދޭ “އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ” މައުރަޒު ހުޅުވުމާއި، ޕާސްޕޯޓުގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ، އަންނަ ހަފްތާގައި އެޕް އަލުން ލޯންޗްކުރަނީ ގިނަ ފަސޭހަތަކަކާ އެކުގައެވެ. އެގޮތުން މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމާއި، ފޮޓޯ ނެގުމާއި، ވިސާގެ ޚިދުމަތްތައް ހޯދޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
“އިތުރު އެންހޭންސްމެންޓާއި އެކު މޮބައިލް އެޕް އަނެއްކާ ތައާރަފްކުރަނީ. މޮބައިލް އެޕުން ޕާސްޕޯޓަށް އެޕްލައި ކުރެވޭނެ. ވިސާވެސް ޗެކްކުރެވޭނެ. ހުރިހާ ޚިދުމަތެއް ލިބޭނެ،” ފަސީހު ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމިގްރޭޝަންގެ ނިޒާމް 2.0 އަށް ބަދަލުކޮށް ޑިޖިޓަލައިޒް ކުރެވުނު ނަމަވެސް، އަލަށް މި ގެންނަ ބަދަލުތަކާއެކު ޚިދުމަތްތަކަށް ބޮޑު އިންގިލާބެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ މިހާރުވެސް އެންމެ އަވަހަށް ޕާސްޕޯޓް ދޫކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަން ފާހަގަކުރައްވަމުން ފަސީހު ވިދާޅުވީ، މާލޭގައި މިހާރުވެސް ޕާސްޕޯޓަށް އެދޭ ދުވަހު ޕާސްޕޯޓް ލިބޭނެ އިންތިޒާމް އޮންނަ ކަމަށެވެ. އަދި އަތޮޅުތެރޭގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ 38 ސްޓޭޝަނަކުން ޕާސްޕޯޓް ދޫކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، އިސްރަށްވެހިންނަށް ފޯމް ފުރުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް ޚާއްސަ އިންތިޒާމްތަކެއް ދާދި އަވަހަށް ހަމަޖައްސަވާނެ ކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ. އިމިގްރޭޝަންގެ 70 އަހަރުވީ ތާރީހަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، މިއީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ ޚިދުމަތްތަކެއް ދެމުންދާ މުއައްސަސާއެއް ކަމަށެވެ.
މައުރަޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ، އިމިގްރޭޝަންގައި އެކަށީގެންވާ އާކައިވްއެއް ނެތުމުގެ ސަބަބުން ތާރީހީ މައުލޫމާތާއި ފޮޓޯތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ކުރީގެ އޮފިސަރުންގެ އަމިއްލަ އަލްބަމްތަކުން ފޮޓޯ ހޯދައިގެން މިފަދަ މައުރަޒެއް ތައްޔާރުކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

