ތ.ތިމަރަފުށީގައި މާތް ﷲއަށް ބަދުބަސް ބުނި އަންހެން މީހާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ތިމަރަފުށީގައި އަންހެނަކު މާތްﷲއަށް ބަދުބަސްބުނެ ހަޑިހުތުރު ބަހުން ވާހަކަދައްކާ މީހުންގެ މުދަލަށާއި ތަންތަނަށް އަނިޔާކުރަމުންދިޔަ ވީޑިޔޯއެއް ވަނީ މީސްމީޑިޔާގައި ދައުރުވެފައެވެ.
އެރަށު މީހުން މައުލޫމާތުދިން ގޮތުގައި އެއަންހެންމީހާއަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހެކެވެ. އެއަންހެންމީހާ އެގޮތަށް އުޅުމުންވެސް ކަމާއިބެހޭ އިދާރާތަކުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ތިމަރަފުށީގައި ހަޑިހުތުރު ބަހުން އެއްޗެހިގޮވަމުން ތަކެއްޗަށް ގެއްލުން ދެމުން ދިޔަ އަންހެން މީހާގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. އެހެންނަމަވެސް ފުލުހުން އަދިވެސް އެއަންހެންމީހާ ހައްޔަރުކޮށްފައި ނުވެއެވެ.
އެ އަންހެން މީހާ ވަނީ މީގެ ކުރިން އެރަށުގައި ހުރި ގެސްޓް ހައުސްއަކަށްވެސް ގެއްލުންދީފައެވެ.

