ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.
އޮފިޝަލް އިވެންޓްސްއާ ގުޅިގެން އިންތިޒާމުކުރާ މި ކާނިވަލް ކުރިއަށްދާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
މި ކާނިވަލުގައި ހިމެނޭ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ކާނިވަލް ގޭމްތަކާއި، ޑިޖިޓަލް ގޭމިންގ އެރީނާ، އިންފްލޭޓަބަލް ކުޅިވަރުތައް، ހޮރޯ ހައުސް، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ތަފާތު ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކްތައް ވެސް މި ސަރަހައްދުގައި ހުންނާނެއެވެ.
މިއަހަރުގެ މިނިވަން ދުވަސް ދިމާވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހަށެވެ. އެޗްޑީސީން ބުނީ މި ކާނިވަލުގެ މަގްސަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އާއިލާތަކަށް އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ވެސް ގައުމީ މުނާސަބަތުތަކާ ގުޅުވައިގެން މުޖުތަމައުގެ ބައިވެރިވުން ހިމެނޭ މިފަދަ ތަފާތު ހަރަކާތްތައް އިންތިޒާމުކުރަމުން ގެންދާނެ ކަމަށެވެ.

