އިސްލާމީ މުޖުތަމަޢެއްގައި ހުރިހާ ކަމެއް ބިނާވެގެންވަނީ ވާޖިބުތައް އަދާކުރުމާއި، ޖަވާބުދާރީވުމާއި، އަދި އަދުލުވެރިކަމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. “މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން” މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވަނީ، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ބަދަހިކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއްކަން ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނީ، ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ކަންކަމާ މެދު މަސްއޫލުވާންޖެހޭނެ ބަލަދުވެރިއެއް ކަމަށެވެ. އަދި މި ދުނިޔޭގައި ކުރާ ކޮންމެ އަމަލަކާ މެދު މާތްﷲގެ ހަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާންކޮށްދެމުން ހުތުބާގައި ނަސޭޙަތްތެރިވެފައި ވަނީ، ވަކިން ޚާއްޞަކޮށް އެކި ފަންތީގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ފަރާތްތަކާ ގިޔާމަތް ދުވަހު އެކަންކަމާ މެދު ވަކިވަކިން ސުވާލު ކުރެވޭނެ ކަމަށެވެ. “އެއީ މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް މަންފާއެއް ނުކުރާނެ ދުވަހެވެ،” ކީރިތި ގުރުއާނުގެ އާޔަތެއްގެ މާނަ ވިދާޅުވަމުން ހުތުބާގައި ބުނެފައިވެއެވެ.
މުޖުތަމަޢުގެ ތަރައްގީއާއި އެއްބައިވަންތަކަން ބިނާވެފައިވަނީ އަދުލުވެރިކަމުގެ މައްޗަށް ކަމަށާއި، އަދުލު އިންސާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، ކީރިތި ރަސޫލާގެ ޒަމާނުގައި ހިނގި ހާދިސާއަކަށް އަލިއަޅުވާލައި ހުތުބާގައި ބުނީ، ކުށެއް ކުރެވިއްޖެނަމަ ކޮންމެ މީހަކަށްމެ އޭގެ ހައްގު އަދަބު ލިބެންޖެހޭނެ ކަމަށެވެ. ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “ﷲ ގަންދީ ބުނަމެވެ، މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވި ނަމަވެސް، ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ބުރިކުރެއްވީމުހެވެ.”
ކޮންމެ މީހަކު އަދާކުރާ ވަޒީފާއަކީވެސް އަމާނާތެއްކަން ފާހަގަކޮށް، މަސައްކަތުގައި ތެދުވެރިވުމަށް ހުތުބާގައި ވަނީ ގޮވާލައިފިއެވެ. ތެދުވެރި މުސްލިމުންނަކީ އަމިއްލަ އެދުމަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހުން ކަމަށާއި، އަމާނާތްތަކަށް ޚިޔާނާތްތެރި ނުވުމަށް މާތްﷲ އަމުރުކުރައްވާފައިވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ. ހުތުބާ ނިންމާލަމުން ވަނީ، އަޅަމެންނީ މަސްއޫލިއްޔަތުތަކާއި އަމާނާތްތަކަށް ރައްކާތެރިވާ ބަޔަކު ކަމުގައި ލެއްވުމަށް އެދި ދުޢާކޮށްފައެވެ.

