ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އާންމުންނަށް ހުޅުވާލައިފިއެވެ.
މި މަގު އާންމުންނަށް ހުޅުވާލީ މިއަދު ހަވީރު 4:00 އިން ފެށިގެންނެވެ. މިއަދު އާއްމުންނަށް ހުޅުވާލީ އިއްޒުދީން ފާލަމުން ފެށިގެން، ހެންވޭރު ފެރީ ޓާމިނަލް އާ ހަމައަށް ހިމެނޭ ސަރަަހައްދެވެ. އެ ސަރަހައްދު ހުޅުވާލުމުގެ ކުރިން އެ މަގުން ދަތުރު ކުރުމަށް ގިނަބަޔަކު ކިއުވެސް ހެދިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަހައްދުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ، މަގު ހުޅުވާލި ނަމަވެސް، ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެކަމަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ. ބައެއް ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތަކެއްވެސް މީގެ ކުރިން ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ މަގުގެ އެއްގަމު ތޮށި ކައިރީގައި ދިވެހި ރުށް އިންދާފައިވުމެވެ.

