މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ހިލޭ އެހީގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް 439 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވަނީ 374 މިލިއަން ރުފިޔާ އެވެ. އެހެންވެ، ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބުނު އަދަދު ވަނީ ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ 17 ޕަސެންޓް އިތުރުވެފައެވެ.
ކުރިއެރުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މެއި މަހުގައެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު ހިލޭ އެހީގެ ގޮތުގައި 28.2 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ މެއި މަހު އެ އަދަދު ވަނީ 907.80 އިންސައްތަ އިތުރުވެ، 284.2 މިލިއަން ރުފިޔާއަށް އަރާފައެވެ. ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ލިބުނު ހިލޭ އެހީގެ ޖުމްލަ އަދަދު ވަނީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 373.6 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ.
މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް އަހަރު ނިމުނު އިރު ލިބިފައިވަނީ 400 މިލިއަން ރުފިޔާ އެވެ. އެއީ ކޭޝް ގްރާންޓްގެ ގޮތުގައި 34 މިލިއަން ރުފިޔާ އާއި ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ލިބުނު 339 މިލިއަން ރުފިޔާ އެވެ.
އެހެންވެ، މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރު ޖުމްލަ ހިލޭ އެހީގެ ގޮތުަގައި ލިބުނު އަދަދަށް ވުރެ ވެސް އިތުރުވެފައެވެ.

