ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އޮފިޝަން އިވެންޓްސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން “ސައްބީސް ކާނިވަލް” ނަމުގައި ޚާއްސަ ކާނިވަލެއް ފަށައިފިއެވެ. މި ކާނިވަލް ހުޅުވައިދީފައިވަނީ އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި ކާނިވަލް ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުމްލަ 8 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާނިވަލުގައި ގިނަ ހަރަކާތްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިންގ އެރީނާ، ކުޑަކުދިންނަށް ޚާއްސަ އޭރިއާ އަދި އިންފްލޭޓަބަލްސް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކުތަކާއި، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ހުށަހެޅުންތައްވެސް ކާނިވަލްގެ ތެރެއިން ފެނިގެންދާނެއެވެ.
މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ކާނިވަލަށް ޒިޔާރަތްކުރި ގިނަ ކުދިންނަށް އެންމެ ކަމުދިޔައީ ހޮރޯ ހައުސް ނުވަތަ ބިރުވެރި ހޮހަޅައެވެ. ކާނިވަލަށް ޒިޔާރަތްކުރި ކުއްޖަކު ބުނީ، “ހުރިހާ ގޭމްސްތައްވެސް ވަރަށް މަޖާ އެކަމަކު ބިރުވެރި ހޮހަޅަވަށް ލައިކްވި، ވަރަށް ބިރުވެރި” ކަމަށެވެ.
އެޗްޑީސީން ވިދާޅުވީ މި ކާނިވަލުގެ މައިގަނޑު މަޤުސަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުން ކަމަށެވެ. އަދި ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ މާހައުލެއްގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ހަރަކާތުގެ ބޭނުމެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު، މިފަދަ ގައުމީ މުނާސަބަތުތައް ކުލަގަދަގޮތެއްގައި ފާހަގަކުރުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

