ނ. ވެލިދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވިދާޅުވީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްދިޔަ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ނިންމާލާފައި ކަމަށެވެ. މި މަޝްރޫއަށް ޖުމްލަ 581,850.00 ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އާރުޑީސީން ވިދާޅުވި ގޮތުގައި، މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ލޭންޑް ސްކޭޕިންގ އަދި ހާޑް ސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ޕާކު ސެޓުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އާރުޑީސީއާއިއެކު ސޮއިކޮށްފައިވަނީ 29 މާރިޗު 2025 ގައެވެ. ވެލިދޫގެ ދެކުނު އަވަށުގައި ތަރައްޤީ ކުރި މި ޕާކަކީ އެރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައްޔިތުން ދެކެއެވެ.
ގާތްގަނޑަކަށް 2700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވެލިދޫގެ އާބާދީ އިތުރުވެފައިވަނީ އެ އަތޮޅުގެ މަގޫދޫއާއި ތޮޅެންދޫ މީހުން އެރަށަށް ހިޖުރަ ކުރުމާ ގުޅިގެންނެވެ. މިފަދަ ވަސީލަތްތައް ގާއިމުވުމަކީ ރަށުގެ އިތުރުވަމުންދާ އާބާދީއަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

