ދައުލަތުގެ ދަރަނި އަދާކުރުމަށް މި އަހަރުގެ މިހާތަނަށް ހިނގި ހަރަދު 12 ބިލިއަން ރުފިޔާއަށްވުރެ މަތިވެ، ނިމުނު އަހަރު ދަރަނި އަދާކުރަން ކުރަންޖެހުނު ހޭދައަށްވުރެ 101.5 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ރިޕޯޓުތަކުން އެނގޭގޮތުގައި، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
މާލީ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް އެކަނިވެސް 9.2 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ލޯނު ދެއްކުމަށް ކުރި ހޭދަ ވަނީ 6 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
ލޯނު ދެއްކުމުގެ އިތުރުން، ދަރަނީގެ އިންޓަރެސްޓާއި ފައިނޭންސިން ހަރަދުތަކަށް މި އަހަރުގެ މި މުއްދަތުގައި 2.7 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. ނިމުނު އަހަރު މި ކަމަށް ހޭދަވީ 2.6 ބިލިއަން ރުފިޔާއެވެ. ޖުމްލަ ގޮތެއްގައި ދަރަނި އަދާކުރުމާ ގުޅޭ ހުރިހާ ހަރަދަކަށް މިއަހަރު 12.04 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ފާއިތުވި އަހަރު މި އަދަދު ހުރީ 5.9 ބިލިއަން ރުފިޔާގައެވެ.
މި އަހަރު ދައްކަންޖެހުނު އެންމެ ބޮޑު ދަރަނީގެ ގޮތުގައި ފާހަގަކުރެވެނީ އޭޕްރީލް މަހު ދެއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ޕޭމެންޓެވެ. މިއީ ރާއްޖޭގެ ތާރީހުގައި އެއް ދުވަހެއްގެ ތެރޭގައި ދައުލަތުން ދެއްކި އެންމެ ބޮޑު ފައިސާގެ އަދަދެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރަސްމީ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެންނެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ލޯނު ދެއްކުމަށް 12.9 ބިލިއަން ރުފިޔާ އަދި އިންޓަރެސްޓަށް 5.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދަރަނި ދެއްކުމުގެ ހަރަދު ބޮޑުވި ނަމަވެސް، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާތަނަށް އެ ފަންޑަށް 1.2 ބިލިއަން ރުފިޔާ (80.1 މިލިއަން ޑޮލަރު) ޖަމާކޮށްފައިވެއެވެ. ސަރުކާރު ބަދަލުވިއިރު މި ފަންޑުގައި ހުރީ އެންމެ ދެ މިލިއަނެއްހައި ޑޮލަރެވެ.

