މިޑް ޓާމް ބެރޭކަށް ސްކޫލުތައް ބަންދުވުމަށް ފަހު ހުޅޭވޭއިރު، ކުރިއަށް އޮތީ މޫސުން ގޯސްތަކެއް ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓު އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
މާދަމާއާއި ހޯމަ ދުވަހު އެކި ރަށްރަށަށް ކުޑަކޮށް ވާރޭ ވެހުމުގެ ފުރުސަތު އޮތްއިރު، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ޓާމު ބަންދު ނިމޭ ކޮޅު ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އެގޮތުން މި މަހުގެ 28ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް، އެ އިދާރާގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވިއެވެ.
ވިއްސާރަ ކުރި ނަމަވެސް، އެއްވެސް ހިސާބަކަށް މޫސުން އެހާ ގޯސް ނުވާނެކަމަށް މެޓުން އޮފީހުން މައުލޫމާތުދެއްވައެވެ. އެހެންނަމަވެސް ކަނޑުދަތުރު ކުރާއިރު ދުރާލާ ތައްޔާރުވެ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ޚާއްސަކޮށް، ޗުއްޓީ ނިންމައިފައި ވަޑައިގަންނަވާ ބޭފުޅުން ވަރަށް ބޮޑަށް މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

