އެމްއެމްއޭ ކުރިމަތީ ބަނދަރަށް ލޯންޗުތައް ކައިރިކުރާއިރު، މީހުން މާލެއަށް ފައިބަން ޖެހެނީ އެއް ލޯންޗުން އަނެއް ލޯންޗަށް ކަމަށްވާއިރު އެކަމަށް ނިމުމެއް ގެނެސް އަޅުއްވާނެ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ފުރަތަމަ ސެގްމެންޓް ކަމުގައިވާ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިދިޔަ ޑިސެމްބަރު މަހު ނިންމާލިއިރު ވެސް އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމަކާ ކަންބޮޑުވުމެއް އޮތީ، އެއް ލޯންޗުން އަނެއް ލޯންޗަށް އަރާފައިބަން ޖެހޭ ގޮތަށް އޮތް ތަކުލީފަށް ނިމުމެއް ނައުން ކަމަށްވީއިރު، ރައީސް ޑރ މުއިއްޒު ވަނީ އެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންނަށް އުފާވެރި ޚަބަރެއް ހިއްސާކުރައްވާފައެވެ.
އެގޮތުން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ.
ރައީސް ހާމަކުރެއްވި ވީޑިއޯއިން ފެންނަ ގޮތުގައި، މަސްވެރިންގެ ޕާކުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮންނަ ޖެޓީގައި ވެސް އެފަދަ ތިން ފާލަމެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ތިން ފާލަމުގައި ދެ ފަޅީގައި އެއް ވަގުތެއްގައި 18 ލޯންޗު ކައިރި ކުރެވޭ ގޮތަށް އޮތްކަން ވީޑިއޯއިން ފެނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއީ މާލެ އުތުރު ފަރާތުގެ ބަނދަރުން، ބޭރު މަގު ހިމެނޭ ސަރައްހަދުގެ ނުނިމި ހުރި މަސައްކަތްތަކެވެ. ބާކީ ހަދަން ފަށަން އޮތް އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރު މަގަށް ގެންނަން ހުރި ބަދަލުތަކެވެ.
ބާކީ މި ހުރި މަސައްކަތްތައް އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ހިއްސާ ކުރެއްވި ކުރެހުންތަކުން ފެންނަ ގޮތުގައި، އެމްއެމްއޭ ކުރިމަތީ ޖެޓީގައި މިހާރު ލޯންޗު އެޅުމަށް އޮންނަ ގޮތަށް ވުރެ ފަސޭހަ ގޮތްތަކެއް މީހުން އަރާފޭބުމަށް ހަދާނެއެވެ. އެގޮތުން އެ ސަރައްހަދުގައި އިތުރު ތިން ކުޑަ ފާލަމެއް، ލޯންޗު ކައިރި ކުރެވޭ ގޮތަށް ހަދާ ގޮތަށް ދައްކާފައިވެއެވެ. އަދި އެއިން ކޮންމެ ފާލަމެއްގެ ދެ ފަޅިން ކޮންމެ ފަޅިއަކަށް ފަސް ލޯންޗު ކައިރިކޮށްލެވޭ ގޮތަށް ކުރެހުމުން ފެނޭ؛ ޖުމްލަ މި ތިން ފާލަމަށް އެއް ވަގުތެއްގައި 30 ލޯންޗު ކައިރިކޮށްލެވޭނެ އަދި މީހުންނަށް ފަސޭހައިން އަރައި ފޭބޭނެ

