ކަންކަން ތަންފީޒުކުރުމުގެ ބާރު އޮންނާނީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިފަދައިން ވިދާޅުވެފައިވަނީ، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވުމުން، އިދިކޮޅު ބައެއް ފަރާތްތަކުން މަގު ހެދުމުގެ މަޝްރޫޢުތަކާއި ސަރުކާރުގެ ތަރައްގީގެ ޕްލޭންތަކަށް ފާޑުކިޔާފައިވާތީ އެކަމަށް ރައްދުދެއްވާ ކުރެއްވި ޕޯސްޓެއްގައެވެ.
އޭއައި ބޭނުންކޮށްގެން ހަދައި، އިދިކޮޅު ފަރާތްތަކުން ދައުރުކުރަމުންދާ ފޮޓޯތަކެއް ހިއްސާކުރައްވާ ޕޯސްޓުގައި މުންދު ވިދާޅުވީ، މަގުތައް ހަދައި ނިމެންދެން މިފަދަ ކުރެހުންތަކާއި ތަސައްވުރުތައް ހާމަނުކޮށް ތިއްބެވުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ 1400 އަށްވުރެ ގިނަ މަޝްރޫއު ހިނގަމުންދާކަން މުންދު ފާހަގަކުރެއްވިއެވެ.
ދެރައީ މަގު ހަދާ ނިމެންދެން މިކަހަލަ ކުރެހުމާއި ތަޞައްވުރާ ޕްލޭންތައް ހާމަނުކުރެއްވީމަ! 1400 ޕްރޮޖެކްޓް ރާއްޖޭގައި އެބަ ހިނގާ. ކޮންމެ މަސައްކަތެއްގައި ވިސްނާފައިވާގޮތް ގަނޑުކޮށް އޭ.އައި އިން ކުރަހާލާ، ޝެއަރކޮށްލަދެއްވާ. ތިޔަ ބޭފުޅުންގެ ސޫރަވެސް ކޮންމެ ތަނެއްގައި ކުރަހާލަދޭނަން. އޭގެ ކްރެޑިޓް ބޭނުންފުޅިއްޔާ. ކަންކަން ތަންފީޒުކުރެވޭނީ އެއިރެއްގައި އޮންނަ ސަރުކާރަށް. މިވަގުތު މިކަން އަޅުގަނޑުމެން މިބަލަނީ ވީ އެންމެ ރަނގަޅަށް ކުރެވޭތޯ! ކުރެހުމުގަައި ދެމިތިއްބަވާ. އަޅުގަނޑުމެން ތަންފީޒުކުރުމުގައި ދެމިތިބޭނަން
ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ފަށާފައިވާއިރު، މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއަކީ އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަސައްކަތްތަކާ ގުޅިގެން ސަރުކާރުން ބުނަމުން ދަނީ އެފަރާތްތަކުގެ އަމާޒަކީ ހަމައެކަނި ޕްލޭންތަކެއް ދެއްކުން ނޫން ކަމަށާއި، އަމަލީ ގޮތުން ނަތީޖާ ނެރުން ކަމަށެވެ.

