21 އަހަރު ފަހުން އިންޑިއާގެ ރައްޔިތަކަށް މިސް ޔުނިވާސްގެ ތާޖު ލިބިއްޖެއެވެ. މިފަހަރު ރީތީގެ ރާނީގެ ތާޖު ލިބިފައިވަނީ އުމުރުން 21 އަހަރުގެ ހަރްނާޒް ސަންދޫ އަށެވެ.
މިސް ޔުނިވާސްގެ ތާޖު އިންޑިއާގެ ޗަންދިގަރްއަށް އުފަން ހަރްނާޒް ސަންދޫ ހަވާލުކޮށްފައިވަނީ އިސްރާއީލުގެ އީލާޓްގައި ބޭއްވި ރީތީގެ ރާނީން ހޮވުމުގެ ރަސްމިއްޔާތުގައެވެ.
–| މިސް ޔުނިވާސްގެ ތާޖު މިފަހަރު ހޯދި ހަރްނާޒް ސަންދޫ
އުމުރުން 21 އަހަރުގެ މޮޑެލް ހަރްނާޒް މަތީތައުލީމް ހާސިލްކޮށްފައި ވަނީ އޭނާގެ އުފަން ޗަންދިގަރް ސިޓީއިންނެވެ. ހަރްނާޒް ވަނީ ޔާރާ ދިޔާން ޕޫ ބަރަން އާއި ބާއީ ޖީ ކުޓާންގޭ ފަދަ ޕަންޖާބީ ފިލްމުތަކުގައި ވެސް ހަރަކާތްތެރިވެފައެވެ.
މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އިންޑިއާއަށް ވަނީ މި ތާޖު ލިބިފައެވެ. އެއީ ފަހުން ބޮލީވުޑަށް ނުކުމެވެސް ކާމިޔާބު ހޯދި ސުޝްމީތާ ސެން އާއި ލާރާ ދައްތާއެވެ. ސުޝްމީތާއަށް 1994 ވަނަ އަހަރު މިސް ޔުނިވާސް ތާޖު ލިބުނުއިރު ލާރާ މިސް ޔުނިވާސްއަކަށް ހޮވުނީ 2000 ވަނަ އަހަރުއެވެ.

