މިއަދު ހެދުނު އިންޑޮނޭޝިޔާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އަންގައިފިއެވެ.
އިންޑޮނޭޝިޔާގެ ކަނޑުގެ އަޑިން 18.5 ކިލޯމީޓަރުގެ އަޑިން އުފެދުނު މިބިންހެލުމުގެ ސަބަބުން އިންޑޮނޭޝިޔާގައި ސުނާމީ އެލާރޓް ނެރުނު ކަމުގައިވިޔަސް އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު އިންޒާރުގައި ބުނެފައިވަނީ މި ބިންހެލުމާއި ގުޅިގެން ބިން ހެލުން އައި ހިސާބާއި 1000 ކިލޯމީޓަރު ކައިރީގައިވާ ސަރަހައްދުތަކަށް ސުނާމީ ނުރައްކާތެރި ރާޅުގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބިންހެލުން އައިސްފައިވަނީ ރާއްޖެއާއި 5564 ކިލޯ މީޓަރު ދުރަށްކަމަށެވެ. އެހެންކަމުން ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތެވެ.

