ފާއިތުވީ ދެދުވަސްތެރޭ 119 ކިލޯ މަސްތުވާ ތަކެތި ފުލުހުން ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ހަމީދު ކުރެއްވި ޓްއީޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ 48 ގަޑިއިރުތެރޭގައި 91 ޕެކެޓް ޑްރަގްސް ހޯދާފައިވާ ކަމަށާއި އެޕެކެޓްތަކުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންވެސް ހިމެނޭ ކަމަށެވެ.
ފުލުހުންގެ ބުރަ މަސައްކަތަށް ތައުރީފް ކުރައްވަމުން ހަމީދު ވިދާޅުވީ ހޯދައިގަނެވުނު މަސްތުވާ ތަކެތީގައި 119 ކިލޯ ހުންނާނެ ކަމަށެވެ.
އޭގެތެރޭގައި މިދިޔަ އާދީއްތަ ދުވަހު ޓެކްސީއެއްގެ ތެރެއިން އަތުލައިގަނެވުނު 28 ޕެކެޓް މަސްތުވާތަކެތީގެ އިތުރުން ހުޅުމާލެ ކައިރީގައި މިހާރު ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާ ތަކެތި ހިމެނެއެވެ.
މަސްތުވާ ތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހައްލުނުކުރެވުނު ބޮޑު މައްސަލައެކެވެ. ދާދި ފަހުންވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާ ތަކެތިވެސް ވަނީ އަތުލައިގެންފައެވެ.
އެހެންނަމަވެސް ހިތާމަޔަކީ މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން މިނިވަން ކަމާއެކީ މުޖުތަމައުތެރެޔަށް ދޫކޮށްލާފައި ތިބޭ ކަމެވެ. އެންމެ ފަހުނ 100 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރެވުނު ދެބިދޭސީން ފިޔަވާ ދެންތިބި ހުރިހާ ދިވެހިން ވަނީ މިނިވަން ކޮށްފައެވެ.

