ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި އުމުރުން 6 އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި އެހޮސްޕިޓަލުގެ ޑޮކްޓަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ މުހައްމަދު ލިރާރު މީޑީޔާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ސަދާގެ މަރުގެ މައްސަލައިގައި މިނިސްޓްރީން ހެދި ތަހުޤީގީ ރިޕޯޓުގައި ބުނާގޮތުން އެހޮސްޕިޓަލުގައި ރަނގަޅުކޮށްލަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަންތައް ވީހާވެސް އަވަހަކަށް ރަނގަޅުކުރާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އިހުމާލުން ހައަހަރުގެ ކުއްޖަކު މަރުވުމާއި ގުޅިގެން އިހުމާލުވި ޑޮކްޓަރަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް މެނޭޖަރ ފާހަގަކޮށްލިއެވެ.
މިދިޔަ އޮކްޓޯބަރ 3 ވަނަ ދުވަހުގެ ރޭ މަރުވި ސަދާގެ ހާލު ގޯސްވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔުމުން ޑޮކްޓަރު ޖެހި އިންޖެކްޝަނަކަށްފަހު ސަދާ ވަނީ ނިޔާވެފައެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ސަދާ މަރުވީ އެއިންޖެކްޝަނުގެ ސަބަބުންނެވެ.
އާއިލާއިން ބުނާގޮތުގައި ބަޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔުމުން ޑޮކްޓަރު ބޭސް ދިނުމުންވެސް ތަދު ނުކެޑުމުން ޑޮކްޓަރު ވަނީ އިންޖެކްޝަނެއް ޖަހާފައެވެ. އެއިންޖެކްޝަން ޖެހުމުން ސަދާގެ ހާލު އިތުރަށް ގޯސްވީ ކަމަށް އާއިލާއިން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުގެ އިހުމާލުން ސަދާ މަރުވީ ކަމަށް އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.
މި މަރުގައި ހޮސްޕިޓަލުގެ އިހުމާލު އޮތުމުން ކޯޓަށް މައްސަލަ ވެއްދުމަށް އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

