އިންޑިޔާއިން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
މުމްބާއީގެ އެންސީބީ ބިއުރޯއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އިންޑިޔާއިން ރާއްޖެއަށް ފޮނުވަންވެގެން ބަންދުކޮށްފައި ހުރި އަވަނެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޮޕިއަމްގެ ހަތަރު ކިލޯ ވަނީ ހޯދާފައެވެ.
ރާއްޖެއަށް ފޮނުވަން އުޅެނިކޮށް މުމްބާއީގެ އަނދޭރީގައި ހުންނަ އޮފީހަކުން އަތުލައިގަނެވުނު މަސްތުވާ ތަކެއްޗަކީ މުމްބާއީ އާއި ކައިރި ސަރަހައްދުތަކުގައި ހިންގާ ފެކްޓްރީތަކާއި ލެބޯޓްރީތަކުގައި އުފައްދާފައިވާ ޑްރަގެވެ.
އިންޑިޔާގެ ރިޕޯޓްތައް ބުނާގޮތުން މުމްބާއީގެ އެންސީބީ ބިއުރޯއިން ވަނީ މިދިޔަ ދެ ދުވަހުގެ ތެރޭގައި 13 ކްރޯޑަށްވުރެ ގިނަ ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
އޭގެތެރޭގައި ސައިކަލުގެ ހެލްމެޓްތަކެއްގައި ފޮރުވާފައި ހުރި 495 ގްރާމްގެ އެމްފެޓަމިން އަދި ކުރިއަރެއްގެ ތެރެއިން 456 ގްރާމްގެ އެމްފެޓަމިންވެސް ވަނީ ހޯދާފައެވެ. މީގެއިތުރުންއޮސްޓްރޭލިޔާއަށް ފޮނުވަންވެގެން ޑިވައިސްއެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިންގެ 490 ގްރާމް ވަނީ ހޯދާފައެވެ.
އެންސީބީގެ އޮފިޝަލުން ޝައްކު ކުރާ ގޮތުގައި މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އަދި ކުރިއަށް އޮތް އާއަހަރާ ދިމާކޮށް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޮނުވަމުންދާނެ ކަމަށް ވެސް އެއިދާރާ އިން ލަފާކުރެއެވެ.

