ރައްޔިތުންގެ މަޖުލީހުގެ މިދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު ޗުއްޓީ ދީފައިވަނިކޮށް މާދަމާ ބާއްވަން އުޅޭ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރުމަށް އިދިކޮޅުން ނިންމައިފިއެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި މިއީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަކިކުރަން ސަރުކާރުން ހިންގާ ޖަރީމާއެކެވެ.
މިދުވަސްވަރަކީ މަޖިލީހުގެ ޗުއްޓީ ދުވަސްވަރުކަމަށްވާތީ ގިނަ މެންބަރުން ތިބީ މާލެއިން ބޭރުގައެވެ. އެހެންކަމުން އެމެންބަރުންނަށް މިޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންނުދާނެކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިފަދަ ޖަލްސާއެއް ތާވަލްކުރެވިގެންދިޔައިރު މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާ މަޝްވަރާކޮށްފައިނުވާކަން އިދިކޮޅުން ފާހަގަކުރިއެވެ.
މިފަދަ ކަންތައްތަކަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފު ކަމެއް ކަމަށާއި މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ހެއްކެއް ކަމަށް އިދިކޮޅުން ވަނީ ބުނެއެވެ.
އިދިކޮޅުން ފާހަގަކުރިގޮތުގައި އޭސީސީގެ ހުރިހާ މެންބަރުން ވަކިކޮށް އެމުއައްސަސާގެ ބާރު ކަނޑުވާލަން މަސައްކަތްކުރުމުން އެއިން އެގިގެންދަނީ ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިހްތިރާމެއް ނުކުރާކަމަށެވެ. އަދި މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ކަންމިހެން ހުރުމާއެކު މާދަމާގެ ޖަލްސާ ބޮއިކޮޓްކޮށްލާނެ ކަމަށް އިދިކޮޅުން ވަނީ ހާމަކޮށްފައެވެ.

