ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް އެއް ބަހައްޓައި، ޚިދުމަތް ދިނުމަކީ، އެ ބޭންކުގެ ޕްލޭނުގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށް ދިވެހިންގެ ބޭންކު ކަމަށް ބުނާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން މިހެން ބުނެފައިވަނީ، ގދ.މަޑަވެލީގައި، އޭޓީއެމްގެ ޚިދުމަތް ލިބެން ނެތުމުން، އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހޭތީ، މަޑަވެލި ކައުންސިލުން އެކަމަށް ހައްލެއް ހޯއްދެވުމަށް ބީއެމްއެލް އަށް ފޮނުވި ސިޓީ ގެ ޖަވާބުގައެވެ.
އެގޮތުން ބީއެމްއެލް އިން ފޮނުވި ސިޓީގައި ބުނެފައިވަނީ، ގދ.މަޑަވެލިގައި މިވަގުތު ބީއެމްއެލް އެޖެންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދާކަމަށާއި، އެ ބޭންކުގެ އަމާޒަކީ ޑިޖިޓަލް ކުރުން ކަމަށް ވުމުން، ޑިޖިޓަލް ޚިދުމަތްތަކަށް ރައްޔިތުން އަހުލުވެރި ކުރެވިއްޖެނަމަ ނަގުދު ފައިސާ ބޭނުން ކުރުން މަދުވެ ބްރާންޗް ތަކާއި، އެޓީއެމް ތަކަށް ދާންޖެހޭ ދިޔުން މަދުވާނެ ކަމަށެވެ.
މީގެ އިތުރުން އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކުރުމުގެ ވިސްނުމެއް ނެތަސް، ޒަރޫރީ ޚިދުމަތްތައް ގާއިމުކޮށް ފުޅާކުރުމުގައި، އަބަދުވެސް މަޑަވެލި ކައުންސިލާއި އެކު ބީއެމްއެލް އިން މަސައްކަތް ކުރާނެ ކަމަށެވެ.
ގދ.މަޑަވެއްޔާއި އެންމެ ގާތުން އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނަނީ، ގދ ގެ ވެރިކަން ކުރާ ރަށް ތިނަދޫ ގައެވެ. އެގޮތުން ބޭންކުގެ ޚިދުމަތް ހޯދުމަށް މަޑަވެލިން ތިނަދޫ އަށް ދަތުރު ކުރާ މީހުންވެސް ވަރަށް ގިނަ ފާހަގަ ކޮށްލަން ޖެހެއެވެ.

