އިސްލާމްދީނުގައި ކައިވެނި ޝަރުޢުކުރެއްވީ ވަރަށް މަތިވެރި މަޤުސަދުތަކަކަށްޓަކައެވެ. އެގޮތުން އަޚުލާޤީ ކުށްތައް މަދުކުރުމާއި ހަލާލު ގޮތުގައި އެކަކު އަނެކަމުގެ ކިބައިން އަރާމާއި އުފާ ހޯދުން ހިމެނެއެވެ. އަދި ހަލާލު ގޮތުގައި ދަރިފަސްކޮޅު އާލާކުރުންވެސް ހިމެނިގެންވެއެވެ.
އަނބިމިހާއަށް ވާޖިބުވެގެންވަނީ މާތް ﷲ އަށް އުރެދުމަށް އަމުރު ނުކުރާ ކޮންމެ ހާލަތެއްގައި ފިރިމީހާއަށް ކިޔަމަންވުމެވެ. އަދި ފިރިމީހާ އެއްދާން ކުރަން އެދިއްޖެ ކޮންމެ ހާލަތެއްގައި ޝަރުޢީ ގޮތުން އުޒުރުވެރި ނުވާނަމަ އެކަމަށް ހުރަސް އަޅައިގެން ނުވާނެއެވެ. އެހެނީ އަނބިމީހާއާއި ނުހުރިހުރެ ފިރިމީހާ ނިދައިފި ނަމަ ފިރިމީހާ ރުހިއްޖެއުމަށް ދާންދެން މަލާއިކަތް ބޭކަލުން އެކަނބުލޭގެއަށް ލައުނަތް ލައްވާނެތީއެވެ. ބައެއް ރިވާއަތްތަކުގައި ވާގޮތުން ނިދިން ހޭލަންދެން ލައުނަތް ލައްވާނެއެވެ.
ފިރިމީހާ އަންހެން މީހާއާއި އެކު އެއްދާން ކުރުމަށް އެދި ޖިމާއުވާން އެދޭ ހާލަތްތަކުގައި އިސްލާމް ދީން ހުއްދަ ކުރައްވާފައިވާ ގޮތުގައި ޖިމާއުވުމަށް އިސްކަން ދޭން ޖެހޭނެއެވެ. އެހެނީ އިސްލާމް ދީނުގައި އަންހެނާގެ ފުރަގަސްފަރާތް ބޭނުންކުރުމަކީ ހަރާމް ކަމަކަށްވާތީއެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކައިވެނި ކުރުމަށްފަހު ކޮންމެ ގޮތަކަށްވެސް އެދުންވެރިކަން ފުއްދިދާނެ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އަންހެނާގެ ފުރަގަސްފަރާތަށް ޖިމާޢުވުމަކީ އެކަމުން ދީނުން ބޭރުވާ ބޮޑުވެގެންވާ ފާފައެވެ. އަދި އެއީ ހުޅަގުގެ ކާފަރުންގެ އާދައެއްވެސް މެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ.
“لاَ يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَىرَجُلٍ جَامَعَ امْرَأَتَهُ فِي دُبُرِهَا” (މުސްލިމް އަދި އިބްނު މާޖާ 1923)
މާނައީ: ” އަނބިމީހާގެ ފުރަގަސްފަރާތް އިސްތިޢުމާލުކޮށްފި މީހާއަށް ﷲ ރަޙުމަތުގެ ބެއްލެވުމަކުން ނުބައްލަވާނެއެވެ.”
އެއްދާން ކުރުމުގައި ވިސްނާލާންވީ އަނެއް ކަމަކީ ޙައިޟުވެފައިވާ އަންހެނާ އާއި އެކު އެއްދާން ނުކުރުމެވެ. އެފަދަ އަންހެނަކާއި އެކު ޖިމާއުވުމަކީ ހަރާމްވެގެންވާ ކަމެކެވެ. އަދި އެދުން ފުއްދުމުގައި ބޭނުން ކުރަނީ އަންހެނާގެ ކުރިމަތި ފަރާތު ދޮރުކަމުގައި ވީ ނަމަވެސްމެއެވެ.
އަނެއް ޙަދީޘެއްގައި ވަނީ “مَنْ أَتَى حَائِضًا أَوْ امْرَأَةً فِي دُبُرِهَا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ – ( އިބްނު މާޖާ 636)
މާނައީ: “ޙައިޟުވެފައި އިން އަންހެނަކާއި ރޭކޮށްފިމީހާ ނުވަތަ އަންހެނެއްގެ ފުރަގަސްފަރާތް އިސްތިޢުމާލު ކޮށްފިމީހާ ނުވަތަ ކާހިނަކު ގާތަށްގޮސް އޭނާ ދައްކާވާހަކަ ތެދުކޮށްފިމީހާ ހަމަކަށަވަރުން މުޙައްމަދުގެފާނަށް ބާވައިލެއްވި އިސްލާމްދީނަށް އެމީހަކު ކާފިރު ވެއްޖެއެވެ. މިއެވެ.”
މަސްދަރު : ދިސަލަފިއްޔާ | އައްޝައިޚު އަބޫބަކުރު އިބްރާހީމް ޢަލީ

