"އޭޝިއާސް އެވޯޑްސް" ކެޓަގަރީގެ ދަށުން ރުލާ އެވޯޑްސް އިން ދޭ 5 އެވޯޑް ރާއްޖޭގެ ކުޅަދާނަ ފިލްމީ ފަންނާނު ޖާދުﷲ(ޖާދު)އަށް ލިބިއްޖެއެވެ.
ޖާދުﷲ އަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ އިތުރުން އުފެއްދުންތެރި ހުނަރުވެރި ޒުވާނެކެވެ. ސްކޫލް ދައުރުން ފެށިގެން ނެށުމުގެ ދާއިރާގައި ކުޅަދާނަ ނެށުންތެރިއެކެވެ. ނެށުންތެރިއެއްގެ އިތުރުން ޖާދު އަކީ އެކްޓަރެއް، ޕްރޮޑިއުސަރެއްގެ އިތުރުން ފެޝަން ޑިޒައިނަރެކެވެ. ފެޝަން ޑިޒައިނިންގެ ދާއިރާގައި ވަރަށް ގިނަ އެވޯޑްތައްވެސް ހާސިލްކޮށްފައިވާ ޖާދުﷲ ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށަން ޑިޒައިން ޓްރެއިނިންގ ތަކާއި ކޯސްތައް ހިންގާފައެވެ.
އޭޝިޔާ އެވޯޑް ކެޓަގަރީގެ ދަށުން ޖާދުއަށް ލިބިފައިވާ އެވޯޑްތަކަކަކީ:
- ފެޝަން އެންޑް ލައިފް ސްޓައިލް ފޭސް އެވޯޑް
- އޭޝިޔާސް މޯސްޓް އެޑްމަޔަރ ޕަސްނާލިޓީ އެވޯޑް
- އޭޝިޔާސް އައުޓް ސްޓޭންޑިންގ އެޗީވާ އެވޯޑް
- އޭޝިޔާސް ޔަންގް ފެޝަން މާކެޓް އެވޯޑް
- އޭޝިޔާސް އެކްސެލެންސް އެވޯޑް އިން ފެޝަން އިންޑަސްޓްރީ އެވެ.

ރުލާ އެވޯޑްސް ހަވާލުކުރުމަށް ކުރިން ނިންމާފައި އޮތީ ޑިސެމްބަރ މަހު 29 ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19 ޕެންޑަމިކް އާއި ގުޅިގެން މިތާރީޚް މިވަނީ ބަދަލުކުރެވިފައެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭޝިޔާ އެވޯޑްސްގެ އޮފިޝަލަކު ވިދާޅުވީ މިއެވޯޑް ދިނުމަށް ކުރިން ހަމަޖެހިފައި އޮތް ތާރީޚް 2022 ވަނަ އަހަރު ޖޫން މަހަށް ބަދަލުކޮށްފައިވާ ކަމަށާއި މިއެވޯޑް ހަފްލާ ބާއްވާނީ ސައުތު އިންޑިޔާގެ މަދުރާއީގައި ކަމަށެވެ.
މީގެ އިތުރުން ފެޝަން ޑިޒައިނިންގެ ދާއިރާއިން ޖާދުﷲއަށް ލިބުނު ކާމިޔާބީތަކަށް ބަލާލާއިރު 1999ގައި ޤައުމީ އެވޯޑް، ރައީސުލް ޖުމްހޫރިއްޔާ ދޭ އެވޯޑެއްގެ އިތުރުން ނޭޝަނަލް ޔޫތު އެވޯޑެއްވެސް ވަނީ ލިބިފައެވެ.
ޖާދުﷲގެ އިތުރުން ދިވެހި ފިލްމީ ފަންނާނެއް ކަމަށްވާ ސުނީތާ އަލީއަށްވެސް ވަނީ "އޭޝިއާސް އައުޓްސްޓޭންޑިން ވުމެންޑް އެޗީވާ އެވޯޑް" ގެ ޝަރަފުވެރި އެވޯޑެއް ލިބިފައެވެ. އަދި އެކި ދާއިރާތަކުން އިތުރު ދިވެހިންނަށްވެސް ވަނީ އޭޝިޔާ އެވޯޑް ލިބިފައެވެ. އެގޮތުން ބަލާލާއިރު އޮންލައިން ޓީޗިން ދާއިރާއާއި، ކުދި ވިޔަފާރި ހިންގުމުގެ ދާއިރާއިންނާއި ސިއްޙީ މައުލޫމާތު ޕްރޮމޯޓް ކުރުމުގެ ދާއިރާ، ކުޅިވަރު ކުރިއެރުވުމުގެ ދާއިރާގެ އިތުރުން "ވުމެން ރޯލް މޮޑެލް" އިންވެސް އެވޯޑް ވަނީ ހޯދާފައިއެވެ.

