މިފަރާތްތަކަކީ، ޑޮކްޓަރުންނެއް ނޫނެވެ. އަދި މިފާރާތްތަކަކީ ރެޖިސްޓަރޑް ނަރުހުންނެއްވެސް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދެމުން އަންނަ، ތިނަދޫގައި ހުންނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހިތްވަރުގަދަ ލޮބުވެތި މުދައްރިސުންނެވެ.
މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާތެރި ހާލާތާއެކުވެސް، ދަރިވަރުންގެ ތަޢުލީމު ކޮމްޕްރޮމައިޒް ކުރާކަށް މިފަރާތްތަކުން ބޭނުމެއް ނޫނެވެ. މިހިތްވަރުގަދަ ފަރާތްތަކެކެވެ.
މިހިގަމުންދާ ދިރާސީ އަހަރުގެ ފުރަތަމަ ޓާރމްގެ އިމްތިހާން ބޯމަތިވީ، ތިނަދޫގައި ކޮވިޑް ކޭސްތައް އިތުރުވެ ގިނަ ދަރިވަރުންތަކެއް ހޯމް ކަރަންޓީންއަށް ގޮސް، އަދި ބައެއް ދަރިވަރުން ކޮވިޑް19 އަށް ފައްސިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް އޮންލައިން ކްލާސްތައް އަދި ރިވިޝަން މެޓީރިއަލްސް ދަރިވަރުންނަށް އެ ސްކޫލްގެ ޓީޗަރުން ފޯރުކޮށްދީ، ދަރިވަރުންގެ ކިޔަވައިދިނުން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ގދ. އަތޮޅު ތައުމީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުހައްމަދު ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން ބުނުއްވާފައިވާ ގޮތުގައި، ކޮވިޑް ހާލަތާއި ގުޅިގެން ކަރަންޓީންވާ ދަރިވަރުންނާއި، ފައްސިވާ ދަރިވަރުންނަށް ފުރަތަމަ ޓާމްގެ އިމްތިހާނު ކުރިޔަށް ގެންދާނެ ގޮތެއް އެސް.އެމް.ޓީގައި މަޝްވަރާކުރުމަށްފަހު، އެފަދަ ކުދިންނަށް އިމްތިހާން ދޭނެ ގޮތެއް ނިންމުނެވެ. އަދި މި ނިންމުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެސެސްމެންޓް ޕޮލިސީއަށް ބަލައިގެން ނިންމުނު ނިންމުމެކެވެ. މިގޮތުން، ގދ. ތިނަދޫ ކައުންސިލްގެ ވޭން ބޭނުންކޮށްގެން އަދި އަދި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެމްބިއުލާންސްގެ އެހީތެރިކަމާއެކު ކަރަންޓީން ވާ ދަރިވަރުން އަދި ފައްސިވާ ދަރިވަރުން ސްކޫލްއަށް ގެނެސްގެން އިމްތިހާން ދިނުމަށް ނިންމިކަމަށެވެ. މިގޮތުން ކަރަންޓީން ކުދިންނަށް ވަކި އެގްޒާމް ހޯލެއް އަދި ފައްސިވާ ކުދިންނަށް ވަކި ހޯލެއް ކަނޑައެޅުނެވެ.
މި ދެ އެގްޒާމް ހޯލަށް ވައްދާ ދަރިވަރުންނަކީވެސް، ކޮވިޑަށް ފައްސިވެފައިވާ ނުވަތަ ކޮވިޑަށް ފައްސިވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީން ވެފައިވާ ދަރިވަރުން ކަމުގައި ވުމާއެކު، ހުރިހާ އިންވިޖިލޭޓަރުންވެސް އިމްތިހާން ހޯލު ބެލެހެއްޓުމުގެ ކަންތައް ކުރިޔަށް ގެންދިޔައީ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޕީޕީ ލައިގެން އަދި ފޭސް ޝީލްޑާއި އަޅަގެންނެވެ.

ޕްރިންސިޕަލް ހާމަކޮށްފައިވާގޮތުގައި، މިދެ އިމްތިހާނު ހޯލަށް ވަންނަން އެސްކޫލްގެ މުވައްޒަފުން ފަހަތަށް ނުޖެހޭނެކަން ކުރިންވެސް އެނގިލެއްވި ކަމަށެވެ. އަދި އެހުރިހާ ފަރާތްތަކުން ދެއްވި އެއްބާރުލުމަށްޓަކައި ސްކޫލްގެ ފަރާތުން ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.
މި އިމްތިހާން ހޯލުގައި އިންވިޖިލޭޓްކޮށްފައިވާ ކޮންމެ ފަރާތަކީ، އަމިއްލާ ވަކި އާއިލާއެއް ގެންގުޅޭ ފަރާތެކެވެ. މިމުދައްރިސުންގެ ފަރާތުން އެފަރާތްތަކުގެ އާއިލާ ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ފުރިޞަތު އެބައޮތެވެ. ނަމަވެސް ލޮބުވެތި ދަރިވަރުންގެ ހައްޤުގައި އަމިއްލަ ނަފްސް ނުރައްކަލަށް ހުށަހެޅުމަށްވެސް އެފަރާތްތަކުން ތިބީ ތައްޔާރަށެވެ. ބައެއް ފަރާތްތަކަކީ، ޗުއްޓީގައި އަމިއްލަ އާއިލާ ކައިރިއަށް އިންޑިޔާއަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ފަރާތްތަކެވެ. އެއްވެސް ގޮތަކަށް ކޮންޓެކްޓްވެ ފައްސިވެއްޖެ ނަމަ، އާއިލާ ކައިރިއަށް ނުދެވޭނެކަން އެނގޭ އިރުވެސް، ލޮބުވެތި ދަރިވަރުންގެ ހައްޤުޤައި މިދަތި ވަގުތުގައިވެސް މުދައްރިސުން އެއްބާރުލުން ދީފައި ވެއެވެ.
އެއްވެސް ގޮތަކަށް ފްރަންޓް ލައިން އެލަވަންސެއް ނުވަތަ ރިސްކް އެލަވަންސެއް ލިބިލައްވާތޯ ބެލުމަށް ހުވަދޫ ނޫހުގެ ފަރާތުން އިންވިޖިލޭޓަރަކާއި ކޮށްލެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، އެމުދައްރިސް ބުނެފައިވަނީ، އެފަދަ އެއްވެސް އެލަވަންސެއް އަދި އިތުރުގަޑިއެއްވެސް ނުލިބޭ ކަމަށާއި އަދި މިމަސައްކަތަކީ އިތުރު ފައިސާއެއް ނުވަތަ މަންފާއެއް ހޯދުމަށް ކޮށްފައިވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެމުދައްރިސް ހާމަކޮށްފައިވާ ގޮތުގައި މިކަމާއި އެއްވެސް ޝަކުވާއެއް ނެތް ކަމުގައެވެ.
ހަޤީޤަތުގައިވެސް މިބޭފުޅުންނަކީ ނަމޫނާ ބޭފުޅުންތަކެކެވެ. މިފަދަ ދަތި އުދަނގޫ ވަގުތުތަކުގައިވެސް، މިމުދައްރިސުން ދައްކާފައިވަނީ، ދަރިވަރުންދެކެ އެފަރާތްތަކުންވާ ލޯތްބެވެ. ކިޔަވައި ދިނުމަކީ ހަޤީޤަތުގައިވެސް، ހިތާއި ގުޅިފައިވާ މަސައްކަތެކެވެ.

