ގއ.ދެއްވަދޫ މަސްދޯންޏެއް ކަމަށްވާ “ސަންޓަނާ” އިން ގިނަ އަދަދެއްގެ ކަނޑުމަސް ގދ.ވާދޫގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވި ގޮތުގައި ދެއްވަދޫ މަސްދޯންޏަކާއި ވާދޫގެ މަސްދޯންޏަކުން އިއްޔެ ވަނީ އެރަށު ކޮންމެ ގެޔަކަށް އެއް މަސް ހަދިޔާ ކޮށްފައެވެ.
އެފަދަ ދީލަތި އެހީއެއް ވާދޫގެ ރައްޔިތުންނަށް ފޯރުކޮށްދެއްވި ކަމަށްޓަކައި ހަސަން ވަނީ ކައުންސިލްގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން މަސް ހަދިޔާ ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
“ސަންޓަނާ” މަސް ދޯނީގެ ފަރާތުން ވާހަކަ ދައްކަވަމުން މައުމޫން އިބްރާހިމް މައުލޫމާތުދެއްވި ގޮތުގައި ވާދޫ ރައްޔަތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގއ. ދެއްވަދޫ “ސަންޓާނާ” ދޯނިން ވަނީ ވާދޫ ރައްޔަތުންނަށް އިއްޔެ ކަނޑުމަސް ހަދިޔާކޮށްފައި ކަމަށެވެ.
ކޮވިޑް19 އަށް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ގދ. ވާދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފައަވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރު ވާދޫގައި މިވަގުތު އެރަށުގައި 54 މީހަކު ކޮވިޑަށް ފައްސިވެ، 50 ވަރަކަށް ގެ ވަނީ ކަރަންޓީނުު ކުރެވިފައެވެ. ވާދޫގެ އިތުރުން ގދ.ތިނަދޫ އަދި ރަތަފަންދޫގައިވެސް ކޮވިޑް-19ގެ ކޭސްތައް ދަނީ ފެންމަތިވަމުންނެވެ.

